އާޓިކަލްއެއް ޝެއާކުރުމުން ސިންގަޕޫރުގެ ބޮޑުވަޒީރު ބްލޮގަރެއްގެ މައްޗަށް ދައުވާކޮށްފި

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހަސިއެން ލޫންގް--

ސިންގަޕޫރުގެ ބްލޮގަރަކު އާޓިކަލްއެއް ޝެއާކޮށްގެން އޭނާގެ މައްޗަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހަސިއެން ލޫންގް އެ ދައުވާކޮށްފިއެވެ.

އެކަމާ ގުޅޭ ޝަރީއަތް މިހާރުވަނީ ކޯޓުގައި ފަށައިފަ އެވެ.

ލިއޮންގް ޒޭ ހިއަންގް ނަަމަކަށް ކިޔާ އެ ބްލޮގަރު އޭނާގެ ފޭސްބުކްގައި ޝެއާކުރީ މެލޭޝިއާގެ ނޫހެއްކަމަށްވާ ދަ ކަވަރޭޖްގައި ޝާއިއުކޮށްފައި އޮތް ލިއުމެކެވެ.

އެ ލިއުމުގައި ވަނީ މެލޭޝިއާގައި މިފަހުން ހިންގި އެންމެ ބޮޑު ހިޔާނާތް، ވަަންއެމްބީޑީގައި ސިންގަޕޫރުގެ ބޮޑުވަޒީރު ބައިވެރިވާކަމަށް ތުހުމަތުކޮށްފަ އެވެ.

ލީ ވިދާޅުވީ އެ އާޓިކަލް ޝެއާކުރުމުން އޭނާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދި ސިންގަޕޫރުގެ ސަރުކާރުގެ އަގު ވެއްޓިއްޖެ ކަމަށެވެ.

ލިއޮންގްގެ ލޯޔަރުވަނީ އެދައުވާ ކުރާތީ ސުވާލު އުފައްދަވައިފަ އެވެ. އަދި އެ އާޓިކަލް ލިއުނު އަސްލު މީހާގެ މައްޗަށް ދައުވާ ނުކުރަނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

މީގެ ކުރިން ލީގެ ބައްޕަ އަދި ސިންގަޕޫރުގެ ބާނީ ލީކުއާން ޔޫ ވަނީ ބޭރުގެ ގައުމުތަކުގެ ނޫސްވެރިންނާ ދެކޮޅަށް ވެސް ދައުވާކުރައްވައިފަ އެވެ.

އެ ބްލޮގަރަކީ މީގެ ކުރިންވެސް ސަރުކާރަށް ފާޑުކިޔާ މީހެކެވެ. އޭނާގެ ލޯޔަރު ވިދާޅުވީ އެ ދައުވާއަކީ ސިޔާސީ މަގްސަދެެއްގައި ކުރާ ދައުވާއެއް ކަމަށެވެ. --ރޮއިޓާސް--

comment ކޮމެންޓް