އައްޑޫގެ ދޮންދީނި ހިމާޔަތްކުރަން ކައުންސިލަށް ފެންނަ ގޮތަކަށް އަމަލުކުރަން ހުއްދަ ދީފި

ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ދޮންދީނި -- ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް މާ ބޮޑަށް ކުރިމަތިވާ ކަމަށް ބުނެ، ދޮންދީނި ހިމާޔަތް ކުރަން ކާޅު މެރުމުގެ ހުއްދައަކަށް އައްޑޫ ސިޓީ ކައުންސިލުން އެދުމުން، އެކަމުގައި އެ ކައުންސިލަށް ފެންނަ ގޮތަކަށް އަމަލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހުއްދަ ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ، ކޮން ބައެއްކަން ނޭނގޭ ބަޔަކު އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން، އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި އެ ކާޅުތައް ދޮންދީނިތައް މަރައި، ޅަ ދޮންދީނިތައްވެސް "ކައި ހުސްކުރަމުން"ދާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ވަނީ ލިބިފަ އެވެ.

އެހެންކަމުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގައި އެ ކާޅުތައް ނައްތާލުމުގެ ހުއްދައަށް ކައުންސިލުން އެދުނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކާޅަކީ އާންމުކޮށް އައްޑޫގައި އުޅޭ ބާވަތުގެ ދޫންޏަކަށް ނުވާތީ، އަދި އޭގެ ސަބަބުން އުނދަގުލަކަށް ވާނަމަ، އެއީ 'ޕެސްޓެއް'ގެ ގޮތުގައި ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ފެންނަ ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގައި ވާގޮތަށް، ޕެސްޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއްގެ ކަމުގައި ކަނޑައަޅާ އެކަމެއް އެގޮތަކަށް ކުރުމަށް މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަން ވަނީ އަންގައިފައެވެ.

އަދި ޕެސްޓް ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ކުރިއަށް ގެންދަން އަމަލުކުރަން ގަސްތުކުރާ ކަމެއް ތަންފީޒުކުރުމުގައި މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމެއް އޮތް ނަމަ، އެކަމެއް މިނިސްޓްރީއަށް އަންގައިދިނުމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ޕެސްޓް ކޮންޓްރޯލްކުރުމަށް އައްޑޫގައި ދިރިއުޅޭ ކާޅުތަކާ މެދު އަމަލުކުރަން ނިންމާގޮތުގެ މައުލޫމާތު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ހިއްސާކުރުމަށާއި، އެކަން މޮނީޓާކުރަން އެ އެޖެންސީން ބޭނުންވާނަމަ، އެކަން ކުރެވޭނެ ގޮތަށް ރާވާ ހިންގުމަށް ވަނީ އަންގައިފައެވެ.

ދޮންދީންޏަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫންޏެވެ. އެ ދޫނި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އައްޑޫންނެވެ.

comment ކޮމެންޓް