އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް ބާތިލުކޮށްފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިކޮނޮމިކް މިނިސްޓްރީއިން އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް ބާތިލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލުކޮށްފައިވާކަން އިއުލާނު ކުރާ ކަމަށެވެ.

މިނިސްޓްރީއިން އެ ވިޔަފާރިތައް ބާތިލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް އެ ވިޔަފާރިތައް ބާތިލުކޮށްފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ 2014 ވަނަ އަހަރު ތަސްދީގުކުރި ގާނޫނެކެވެ. އެ ގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ތަސްދީގުކުރި ގާނޫނެކެވެ.

ކުންފުނިތަކާއި ހިލާފަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރައުސުލްމާލާއި މިލްކިއްޔާތު ލިބިގެންވަނީ ވިޔަފާރީގެ ވެރިފަރާތަށް އެކަނި ކަމުގައި އެ ގާނޫނުގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީއިން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބާތިލުކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި ވަނީ 4،924 ކުންފުންޏެއް އުވާލާފަ އެވެ.

އެ ކުންފުނިތައް އުވާލީ ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް