ތިން ފުލުހަކަށް އިންޒާރުދިން މީހަކު ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފި

ތިން ފުލުހަކަށް އިންޒާރު ދިން މީހަކު ހަ މަހަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުހައްމަދު ވަހީދު އިބްރާހީމް، 20އ. ގެ މައްޗަށެވެ.

ދައުލަތުން މުހައްމަދު ވަހީދު އިބްރާހީމްގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

އެ ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މައްސަލައިގައި ދައުވާލިބޭ މުހައްމަދު ވަހީދު އިބްރާހީމް ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އެ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށެވެ.

މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ، އެ ގާނޫނުގެ ދަށުން މުހައްމަދު ވަހީދު އިބްރާހީމް، ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް