ޓޯޗާގެ މައްސަލަތައް ތަހުގީގުކުރަން ދަތިވާތީ ޕީޖީއަށް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޓޯޗާގެ މައްސަލަތައް ގާނޫނީ މުއްދަތުގެ ތެރޭގައި ތަހުގީގުކުރުމަށް ދަތިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފި އެވެ.

އެޗްއާރުސީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެންޓި ޓޯޗާ ގާނޫނު 2013ގެ ދަށުން އެޗްއާރުސީއެމުން ތަހުގީގުކުރާ ޓޯޗާގެ މައްސަލަތައް، ގާނޫނީ މުއްދަތުގައި ތަހުގީގުކޮށް ނިންމުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަން ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެންޓި ޓޯޗާ ގާނޫނަކީ، ރާއްޖޭގައި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އަދަބުތައް ބަޔާންކުރާ ގާނޫނެވެ. އަދި ޓޯޗާކުރެވޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ އިންސާފުވެރި ބަދަލު ހޯދޭނެ މަގު ގާނޫނުން ތަނަވަސްވެ އެވެ.

comment ކޮމެންޓް