އައްޑޫ ސައިޓުގައި ކަރަންޓީނާ ހިލާފުވެފައިވޭ، މައްސަލަ ފުލުހުންނަށް

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އެ ސިޓީއަށް ދިޔަ އިންޑިއާގެ 128 މީހުން ކަރަންޓީނުކޮށްފައި ތިބި ތަނަށް، އެ އެ ކުންފުނީގެ އިތުރު ބަޔަކު ގޮސް ބައްދަލުވެފައިވާ ކަމަށާއި، އަދި އެމީހުންނާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ޕޮލިސް އެކެޑެމީގެ މަސައްކަތަށް އިންޑިއާ ބަޔަކު އައްޑޫއަށް ދިޔައީ މި މަހުގެ 13 ވަނަ ދުވަހުގެ ރެޔެއެވެ. އެމީހުން ދަތުރުކުރީ، އިންޑިއާއިން ސީދާ އައްޑޫ އަށެވެ.

އެމީހުންގެ ތެރެއިން 54 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އެމީހުންނާ ގުޅުންހުރި ދެ މީހަކު ވެސް ޕޮޒިޓިވްވެ، އައްޑޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 56 އަށް އަރައިފައެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ފުރަތަމަ 54 މީހުން ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބެލި ބެލުމުގެ ތެރޭގައި ވޯކް ސައިޓުގެ ސެކިއުރިޓީ ގާޑު ވެސް ޓެސްޓުކުރި ކަމަށެވެ.

އަދި މި މަހުގެ ދެވަނަ ދުވަހު އޭނާ ކޮވިޑަށް ޕޮޒިޓިވްކަން ދެނެގަނެވިފައިވާ ކަމަށެވެ.

"ސެކިއުރިޓީ ގާޑުގެ އެކޮމޮޑޭޝަން މި ހުންނަނީ އެ ކޮމްޕެނީގެ މެއިން ވޯކްސައިޓުގަ. ކަރަންޓީނުވެފަ މަސައްކަތްތެރިން ތިބި ތަނާ ދުރުގަ ހުންނަ ތަނެއް. އެހެންވީމަ މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުމާ އެކު ސައިޓް ވެސް ވަނީ މޮނިޓަރިން އަށް ލެވިފަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ސައިޓިގައި ޖުމްލަ 230 މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެންމެންގެ ސާމްޕަލް ވެސް ނަގައި މިހާރު ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ކަރަންޓީނު ކުރި އިންޑިއާގެ 128 މީހުންގެ އިތުރުން، އެހެން ތާރީހެއްގައި އައްޑޫއަށް ދިޔަ އެކުންފުނީގެ އިތުރު އަށް މީހަކު ވެސް އެބަތިބި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މައުލޫމާތު ލިބިފއިވާ ގޮތުގައި މީނަވެސް ކަރަންޓީނު ސައިޓަށް ކޮންމެސް ވަރަކަށް ގޮސްފައި ވާކަމަށް މައުލޫމާތު ލިބެނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު، މައި ވޯކް ސައިޓާ، އެތަނުގެ ލޭބަރުންނާ ގުޅުންހުރި އިތުރު ތަންތަން ވެސް މޮނީޓަރިން އަށް ލާފައިވާ ކަމަށެވެ. އަދި ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ފާހަގަކުރެވޭތީ، އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ޕޮޒިޓިވްވެފައި މިވަނީ ކަރަންޓީނުގައި ތިބި މީހުންނާ އަދި އެމީހުންނަ ލިންކެއް ހުރި މީހުން މިވަގުތު. ދެން ކަރަންޓީނުގެ އުސޫލުތަކާ ވެސް ހިލާފުވެފަ ވާކަމަށް މި ފާހަގަކުރެވެނީ. އެއީ ކަރަންޓީނުގައި ތިބި މީހުންގެ ކައިރިއަށް އެހެން މީހަކު، ކޮމްޕެނީން ވިޔަސް އަދި ވޯކްސައިޓުން ވިޔަސް އައިސް ތިބި ކަމަށް. އެހެންވީމަ އަޅުގަނޑުމެން މި މައްސަލަ މިހާރު ވާނީ ޕޮލިހަށް ވެސް ރިފާ ކޮށްފަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ކްލަސްޓާއިން މިހާތަނަށް ނެގި 377 ސާޕަލްގެ ތެރެއިން 56 ސާމްޕަލް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް 85 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އަދި 74 ސާމްޕަލްގެ ނަތީޖާ ނުލިބެއެވެ.

ޑރ. ނަޒްލާ މީގެކުރިން ވިދާޅުވެފައި ވަނީ، ބިދޭސީން ތިބީ ކަރަންޓީނުގައި ކަމަށާއި އެހެން ކަމުން އެމީހުންގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އައްޑޫއިން މީގެ ކުރިންވެސް ކޮވިޑްގެ މަދުކޭސްތަކެއް ފެނިފައިވެ އެވެ. އެއީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

comment ކޮމެންޓް