ޝާހިދު "ޖާޒީ" ކުޅެދޭ އަގު ކުޑަކޮށްދީފި

ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު---

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބަޔަކަށް މާލީ ދަތިކަމެއް ދިމާވެފައިވާ މި ދަނޑިވަޅުގައި ބޮލީވުޑްގެ ބަތަލު ޝާހިދު ކަޕޫރު ކުޅޭ ފިލްމު "ޖާޒީ" ކުޅެދޭ އަގު އޭނާ ކުޑަކޮށްދީފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ކުޅެދޭން ޝާހިދު ކުރިން އެއްބަސްވީ 33 ކުރޯޑު ރުޕީސް އަށެވެ. އޭގެ އިތުރުން ފިލްމަށް ލިބޭ ޕްރޮފިޓްގެ އަދަދެއް ވެސް އޭނާއަށް ދޭ ގޮތަށެވެ. ނަމަވެސް މިހާރު އޭނާ މި ފިލްމު ކުޅެދޭނީ 25 ކުރޯޑު ރުޕީސްއަށް ކަމަށް ޚަބަރުތައް ބުނެ އެވެ. އަންނަ މަހު ފިލްމުގެ ނުނިމި އޮތް ބައި ޝޫޓްކުރަން ފަށާއިރު މި ފިލްމުގައި ޝާހިދާ އެކު ލީޑު ރޯލުން ފެނިގެންދާ އަންހެން ބަތަލާ އަކީ މުރްނާލް ތާކޫރެވެ.

ޖާޒީގެ ޝޫޓިން ކުރިއަށްދާނީ 15 ދުވަހުގެ މުއްދަތަކަށެވެ. ދެހަރާދުން އަދި ޗަންދީގަރުގައި ޖާޒީގެ މަންޒަރުތައް ނަގާއިރު މި ފިލްމަކީ ޖާޒީގެ އަސްލު ފިލްމު ޑައިރެކްޓް ކުރި ގޯތަމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޖާޒީ އަކީ ތެލެގޫ ފިލްމެއްގެ ރީމޭކެކެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް