އީޕީއެލް: އެސްޓަން ވިލާއިން ލިވަޕޫލް ހަމަބިމަށް ތިރިކޮށްފި

ރޭގެ މެޗުގައި ލިބުނު ބޮޑު ބައްޔާ އެކު ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވެންޑައިކް ކަރުއެލުވާލައިގެން --- ފޮޓޯ/ ގެޓީ

އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަންސް ލިވަޕޫލް ކޮޅަށް ހަތް ގޯލު ޖަހައި އެސްޓަން ވިލާއިން ތާރީހީ މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ލިވަޕޫލު އަތުން އެސްޓަން ވިލާ ކުރި ހޯދީ 2-7 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ތިން މެޗުން ތިން މޮޅު ހޯދައިގެން އެސްޓަން ވިލާ ތާވަލުގެ ދެވަނައިގައި ހަމަޖެހިލި އިރު ބޮޑު ބައްޔާ އެކު ލިވަޕޫލް ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ.

ތާރީހީ މޮޅާ އެކު އެސްޓަން ވިލާއިން ޕްރިމިއާ ލީގުގައި ވަރުގަދައަށް ފައިތިލަ ސާބިތު ކުރި އިރު، ރޭގެ ބައްޔަކީ ޗެމްޕިއަނެއް ކޮޅަށް ޕްރިމިއާ ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމެއް ބަލިވި އެންމެ ބޮޑު ސްކޯ އެވެ. ލިވަޕޫލާ އެކު ކްލޮޕް އެންމެ ތަފާތު ބޮޑުކޮށް ބަލިވީ މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ސިޓީ ދަނޑުގައި 5-0 އިންނެވެ.

ދިގު އިންތިޒާރަކަށް ފަހު ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން 30 އަހަރަށްފަހު ހޯދި އިރު، މިފަހަރުގެ ސީޒަނާ އެ ޓީމުން ކުރިމަތިލީ ޓްރާންސްފާ މާކެޓުގައި ވެސް ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިގެންނެވެ. އެކަމަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެ ރޭގެ މެޗުގައި މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ތިއާގޯ އަލަކަންޓްރާއާއި ސާޑިއޯ މާނޭ ކުޅެފައި ނުވި ނަމަވެސް ލިވަޕޫލުން ޖުމުލަކޮށް ބޭނުން ކޮށްފައި ވަނީ ވަރުގަދަ ސްކޮޑެކެވެ.

އެންމެ ފަހުން 1963 ވަނަ އަހަރު ލިވަޕޫލްގެ ކޮޅަށް ހަތް ގޯލް ވަދެގެން ނިމުނު ފަހުން އެ އަދަދަށް ބައި ކޮޅަށް ގޯލު ވަދެގެން ބަލިވި ފުރަަތަމަ މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއާން ހެދި ގޯހެއްގެ ފައިދާނަގައި އެސްޓަން ވިލާ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ހެޓްރިކް ހެދި އޮލީ ވަޓްކިންސް އެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ވިލާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ލިވަޕޫލަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޖޯން މެކްގިން ވަނީ ވިލާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެ ވަނަ ހާފް ފަށައިގެން ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 55 ވަނަ މިނިޓްގައި އެސްޓަން ވިލާ އަށް ފަސް ވަނަ ލަނޑެއް ޖަހައިދިނީ ދާދި ފަހުން ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއާ ގުޅުނު ރޮސް ބާކްލީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ފައިގައި ޖެހިފައި ކީޕަރު އެޑްރިއަން އަތްމަތިން ގޮހެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަލާހް ވަނީ ފިރްމީނޯ ދިން ބޯޅަ އަކުން ލިވަޕޫލަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.

އެހެން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޖެކް ގްރީލިޝް ވަނީ ވިލާގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ވިލާއިން ކާމިޔާބުކުރި ހަތްވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީވެސް ގްރީލިޝްއެވެ.

comment ކޮމެންޓް