އީޕީއެލް: ނުވަ އަހަރަށް ފަހު ޔުނައިޓެޑް ކޮޅަށް ހަ ގޯލު ޖަހައިފި

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް ކުރި ހޯދީ 1-6 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެ ޓީމާ ދެން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން ލަދުވެތި ގޮތަކަށް ބަލިވެއްޖެ އެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމުން ހޯމް ޓީމުގެ މައްޗަށް ކުރި ހޯދީ 1-6 ގެ ބޮޑު ތަފާތަކުންނެވެ. ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓޮޓެންހަމުން ރޭގެ މޮޅާ އެކު ވަނީ ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައަށް ޖެހިލައިފަ އެވެ. އަދި ބޮޑު ތަފާތަކުން އެ މެޗުން ބަލިވި ޔުނައިޓެޑް ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު މިވަގުތު އޮތީ 16 ވަނައިގަ އެވެ.

އަހަރުތަކަކަށްފަހު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމުން ބޮޑު ހޭދައެއް ކުރި އިރު ރޭގެ މެޗަށް އެ ޓީމުން ނުކުތީ ރެއާލް މެޑްރިޑް ދޫކޮށް އެ ޓީމަށް އަލަށް ބަދަލުވި ސާޖިއޯ ރެގީލޯން ޓީމުގައި ހިމަނައިގެންނެވެ. އެކަމަކު އަނިޔާގެ ސަބަބުން އަދިވެސް މިފަހަރުގެ ޓޮޕް ޓްރާންސްފާ ގެރެތު ބޭލް ރޭގެ މެޗުގައި ވެސް ކުޅެފައެއް ނުވެ އެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކި އިރު، ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އެކަމަކު ޔުނައިޓެޑަށް މާގިނަ އިރުތަކެއް ނުވަނީސް ލީޑު ގެއްލިގެން ދިޔައީ އެ ޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޓަންގުއީ އެންޑޮމްބެލޭ ޖެހި ގޯލުންނެވެ.

އެއަށްފަހު ބަރި ބަރިއަށް ޓޮޓެންހަމުން ގޯލުތައް ފައްޗަކަށް އަމުނާލި އިރު ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. މާޝިއަލަށް ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ޓޮޓެންހަމުގެ އެރިކް ލަމޭލާގެ މޫނުމަތީގައި ޖެހުމާ ގުޅިގެންނެވެ.

ޓޮޓެންހަމުން އެ މެޗުގައި ބާކީ ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ ސޮން ހެންގް މިން އާއި ހެރީ ކޭން އެވެ. ބާކީ ގޯލަކީ ސާޖް އޯރިއޭ ކާމިޔާބު ކުރި ގޯލެވެ.

މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް އެއް މެޗެއްގައި ހަ ގޯލު ވަން ތިން ވަނަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑް ކޮޅަށް ހަ ގޯލު ޖެހީ 2011 ވަނަ އަހަރު މެންޗެސްޓާ ސިޓީ އާއި 1996 ވަނަ އަހަރު ސައުތެމްޓަން އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މިއީ ތާރީހީ މޮޅެއް ކަމަށާއި، މަދުން ނޫނީ މެޗަކުން ބަލި ނުވާ ޔުނައިޓެޑް ކޮޅަށް ހަ ގޯލު ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

"މިއީ ތާރީހީ މޮޅެއް. އެންމެ މުހިއްމު ކަމަކީ ތިން ޕޮއިންޓް. އެކަން ހާސިލް ވެއްޖެ. މެޗަށް ހުރިހާ ގޮތަކުން ވެސް އަހަރުމެން ތިބީ ތައްޔާރަށް. ޔުނައިޓެޑަށް އެއްވެސް ފުރުސަތެއް ނެތްކަން މެޗުގެ ފުރަތަމަ ޕެނަލްޓީއާ ހިސާބުން ހާމަވެއްޖެ." މޮރޯނިއޯ ބުންޏެވެ.

comment ކޮމެންޓް