އެންމެ ދަށް އަގަށްވުރެ ކުޑަކޮށް މަސް ގަންނަ ނަމަ ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސް ގަންނަ އެންމެ ދަށް އަގަށް ވުރެ ކުޑައަގެއްގައި މަސް ގަތުމަކީ ނުވަތަ މަސް ގަންނަން ހުށަހެޅުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު ގެޒެޓުކޮށްފި އެވެ.

އެއީ އެކްސްޕޯޓަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރާ މަސްވެރިކަމުގައި، މަސްވެރިންގެ އަތުން މަސް ގަނެގެން އެކްސްޕޯޓްކުރާ ފަރާތްތަކުން
މަސްވެރިންނަށް ހުށަހެޅޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުން ޕްރޮސެސްކުރާ ނުވަތަ ރައްކާކުރާ ފަރާތްތަކުން މިނިސްޓްރީ އިން ކަނޑައަޅައި އިއުލާނުކުރާ އަގުތަކުގައި މަސް ގަތުމަށް ލާޒިމުކުރާ އަގު ކަނޑައެޅުމުގައި މަސްވެރިންނާއި މަސް ގަނެ އެކްސްޕޯޓް ކުރާފަރާތްތަކަށް އިންސާފުވެރި ގޮތެއްގައި އަގުތަކެއް ކަނޑައެޅުމުގެ ހަމަތައް އެކަށައެޅުމަށް އެކުލަވައިލި ގަވާއިދެކެވެ.

އެ ގަވާއިދު ހިނގާނީ އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސް ކުރުމުގެ ނުވަތަ ރައްކާކުރުމުގެ ލައިސަންސް ލިބިގެން މަސް ގަތުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި އެ ފަރާތްތަކުން އޮޕަރޭޓްކުރާ ކަލެކްޓާ ބޯޓުފަހަރު އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްގަތުމުގައި ހަރަކާތްތެރިވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ބޭރުގެ އުޅަނދުފަހަރަށެވެ.

ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން މަސްވެރިންގެ އަތުން މަސް ގަނެވޭނެ އެންމެ ދަށް އަގު، ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންޖެހޭނެ ""އެވެ.

އަދި މަސް ގަންނަ އެންމެ ދަށް އަގު ކަނޑައަޅާ ކޮންމެ މަސްވެރިކަމަކަށް ކަނޑައަޅާ މަސް ގަނެވޭނެ އެންމެ ދަށް އަގު، މަދުވެގެން ކޮންމެ 12 މަސްދުވަހަކުން އެއްފަހަރު މުރާޖައާކޮށް އިއުލާނު ކުރަންޖެހޭނެއެވެ.

މަސްވެރިކަމުން ބާނާ މަސް، ގަވާއިދުގެ ތަރަހައިގެ ތެރެއަށް ފެތޭ އެއްވެސް ފަރާތަކުން ގަންނަންވާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާނުކުރާ އަގާ އެއް އަގަކަށް ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި ކަމަށް ގަވާއިދުގައިވެއެވެ.

"މި ގަވާއިދުގެ ދަށުން ކަނޑައަޅާ މަސް ގަންނަ އެންމެ ދަށް އަގަށްވުރެ ކުޑަ އަގެއްގައި، މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މަސްވެރިކަމެއްގައި މަސް ގަތުމަކީ ނުވަތަ މަސް ގަންނަން ހުށަހެޅުމަކީ މަނާކަމެކެވެ." ގަވާއިދުގައިވެ އެވެ.

އަދި ދަށް އަގުގައި މަސް ގަންނަ ފަރާތަކަށް މަސްގަތުމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކޮށްފައިވާ ގަވާއިދުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނުވަތަ އިދާރީ ފިޔަވަޅެއް އެޅޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގައި މިނިސްޓްރީގެ
ފަރާތުން ބަލަންޖެހޭނެ ކަންކަން ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މަސްވެރިންގެ އާމްދަނީއާއި، މަސްވެރިކަމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ހަރަދާއި، މަސްވެރިކަމުން އުޅަނދަށް ލިބޭ އާމްދަނީއާއި މަސްވެރިކަމުގެ ހަރަދާއި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި މަސް ގަނެ ޕްރޮސެސްކޮށް ރައްކާކޮށް އެކްސްޕޯޓް ކުރުމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ހަރަދަށް ބަލަންޖެހޭނެ އެވެ.

އަދި މަސް ގަންނަ ފެސިލިޓީ ގާއިމުކުރުމަށް އެ ފަރާތްތަކުން ކުރާ ހޭދައާއި އިންވެސްޓްމަންޓުގެ އަގާއި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރާއި މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅޭ މަސްވެރިކަމުގައި ބާނާ މަހަށް ބޭރުގެ ބާޒާރުގައި ލިބޭ އަގު، ރާއްޖޭގައި ދިރިއުޅުމުގެ އާންމު ހަރަދުތައް އަދި މަސައްކަތްތެރިންނަށް ދިނުމަށް އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފައިވާ ނަމަ، އެ އުޖޫރައިގެ މިންވަރަށް ވެސް ބަލަންޖެހޭނެ އެވެ.

comment ކޮމެންޓް