ސްޓާފް ދެ މެމްބަރަކު ޕޮޒިޓިވްވެ، ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން އައިސޮލޭޝަނަށް

ރޭ މެޗުން މޮލޫވުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާލު ކުރަނީ -- ފޮޓޯ / ކުރިސް މައިސަން

ކުލަބުގެ ދެ ސްޓާފް މެމްބަރަކު ޕޮޒިޓިވްވެ ހުރިހާ ކުޅުންތެރިން ވަގުތީ އައިސޮލޭޝަނަކަށް ގެންގޮސްފައިވާ ކަމަށް އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސް ބުނެފި އެވެ.

ޔުވެންޓަސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެކުލަބުގެ ދެ ސްޓާފް މެމްބަރަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނަކީ މެޑިކަލް ޓީމު ނުވަތަ އޮފިޝަލް ޓީމުގެ ކުޅުންތެރިއެއް ނޫން ނަމަވެސް ޕްރޮޓޮކޯލްއަށް އަމަލު ކުރުމުގެ ގޮތުން އެންމެން ވަގުތީ އައިސޮލޭޝަނަކަށް ދާން ޖެހުނީ ކަމަށެވެ.

ލީގުގައި މިރޭ ވާދަވެރި ނަޕޯލީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިން ގޭގައި އައިސޮލޭޓް ކުރި އިރު، މިރޭގެ މެޗު ކުޅެވޭނެކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ. ޔުވެންޓަސްއިން ބުނީ ކުޅުންތެރިން މިވަގުތު އައިސޮލޭޓް ކޮށްފައި ތިބި ނަމަވެސް ނަތީޖާ ނެގެޓިވް ވުމުން ކުލަބުގެ ޓްރެއިނިންގްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ކުލަބުން ނުވަތަ ސްޓޭޑިއަމުގެ ބޭރުގައި އެއްވެސް މީހަކާ ކޮންޓެކްޓް ނުވެވޭނެ ކަމަށް ޔުވެންޓަސްއިން ވަނީ ބުނެފަ އެވެ.

"ކުލަބުގެ ދެ ސްޓާފެއް ޕޮޒިޓިވްވުމާ ގުޅިގެން އިދާރާތަކުގެ ޕްރޮޓޮކޯލްއަށް އަމަލު ކުރުމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި ސްޓާފުން މިވަގުތު ތިބީ އައިސޮލޭޝަންގައި. އެކަމަކު ނަތީޖާ ނެގެޓިވްވާ ކުޅުންތެރިން ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ. އެހެން ނަމަވެސް ކުލަބުން ބޭރު މީހުންނާ ކޮންޓެކްޓް ނުވެވޭނެ." ޔުވެންޓަސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަންދުރޭ ޕިރްލޯގެ އިރުޝާދާ އެކު ޔުވެންޓަސްއިން އައު ސީޒަނަކާ ކުރިމަތިލި އިރު، މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

މިރޭގެ މެޗުގެ ކުރިން ޔުވެންޓަސް ކުޅުންތެރިން ކަރަންޓީން ވެފައިވާ އިރު، ނަޕޯލީގެ ދެ ކުޅުންތެރިޔަކާ ސްޓާފް މެމްބަރެއް ވަނީ މި ހަފުތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ދުނިޔޭގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި އެއްގައުމު ކަމަށްވާ އިޓަލީން އެ ބަލި ކޮންޓްރޯލް ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް މިދޭތެރެއިން ވަނީ ލުއިތަކެއް ދީފަ އެވެ. އެއާ އެކު އަނެއްކާވެސް މިހާރު ވައިރަސް އެގައުމުގައި ފެތުރޭ މިންވަރު ވަނީ މައްޗަށް ދާން ފަށައިފަ އެވެ.

comment ކޮމެންޓް