ބޮންޑް އަނެއްކާ ޑިލޭވެއްޖެ، ދެން އަންނަ އަހަރު

ޖޭމްސް ބޮންޑްގެ އާ ފިލްމު ކަމަށްވާ "ނޯ ޓައިމް ޓު ޑައި"ގެ މަންޒަރެއް --- ފޮޓޯ : އެމްޖީއެމް

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް ކަމަށްވާ "ޖޭމްސް ބޮންޑް"ގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ނޯ ޓައިމް ޓު ޑައި" އަނެއްކާވެސް ޑިލޭވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބޮކްސް އޮފީސް އަޑިއަޅާލާފައިވާއިރު މިއަހަރު ކިރިޔާވެސް ހަމަޖެހުމެއް ލިބުމަށް އޮތް އުއްމީދަކީ ޖޭމްސް ބޮންޑްގެ އާ ފިލްމެވެ. އެހެންނަމަވެސް އެ ފިލްމު މިއަހަރު ދެވަނަ ފަހަރަށް ޑިލޭ ކުރުމާއެކު ބޮކްސް އޮފީސް އިތުރަށް އަޑިއަޅާލުމަކަށް ދާނެ ކަމުގެ ނުރައްކާ ވަނީ މިހާރު އުފެދިފަ އެވެ.

ނޯ ޓައިމް ޓު ޑައި ދެވަނަ ފަހަރަށް ޑިލޭކުރިއިރު މިހާރު އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އެގޮތުން ފިލްމު ޕްރޮޑަކްޝަން ކަމަށްވާ އެމްޖީއެމް އިން ބުނެފައިވާގޮތުގައި އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

އެމްޖީއެމް އިން އިތުރަށް ބުނެފައިވަނީ ފިލްމު ރިލީޒްކުރުން ލަސް ކުރަން ޖެހުމުން އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލާފައިި އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޮޑެތި ޕްރޮޖެކްޓްތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އޭގެތެރޭގައި "ވޮންޑާ ވުމަން" އާއި "ބްލެކް ވިޑޯ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ސިނަމާތައް ބަންދުކުރުމާ ގުޅިގެން ބައެއް ކުންފުނިތަކުން އަންނަނީ އެކުންފުނިތަކުގެ ސްޓްރީމިން ސާވިސް އަށް ބައެއް ބޮޑެތި ޕްރޮޖެކްޓްތައް ރިލީޒްކުރަމުންނެވެެ.

comment ކޮމެންޓް