ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހު ފެށޭނެ: އެމްޓީސީސީ

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއު -- ފޮޓޯ/ އެމްޓީސީސީ

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެރަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ގެންގޮސްފައި ވަނީ 13 އޯގަސްޓްގަ އެވެ.

އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގު ތަރައްގީކުރާނެ އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 26 ޖޫން 2019ގަ އެވެ.

comment ކޮމެންޓް