ޓީޗަރެއްގެ އާދަޔާ ހިލާފު ހިތްވަރެއް، ކިޔަވައިދޭން ދިޔައީ މޫދުގައި ހިނގާފައި

ނިޔާޒު އަބްދުﷲ -- ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން

އެއީ މީގެ 25 އަހަރުކުރި އެވެ. ގއ. ކަނޑުހުޅުދޫ ނިޔާޒް އަބްދުﷲ ހުރީ ހަފްތާ ބަންދަށް އާއިލާއާ އެކު ރަށުގަ އެވެ. އެނބުރި ވަޒީފާއަށް ދާން މިޖެހެނީ ކައިރީގައި އޮތް ގއ. ގެމަނަފުށީ މަދަރުސާ އަށެވެ. ކަންދިމާކުރިގޮތުން އެދުވަހަކީ ރައްޔިތުން "ރަށު ބަންދުގައި" ތިބި ދުވަހެކެވެ. ދަތުރުކުރާ އޮޑިއެއް، ދޯންޏެއް ނޫނީ ބޮއްކުރައެއް ވެސް އަތަކު ނުޖެހުނެވެ. އެކަމަކު، ވަޒީފާއަށް ދުވަހަކުވެސް ގަޑިޖެހިފައިނުވާ އަދި ސަލާމެއްވެސް ބުނެފައިނުވާ ނިޔާޒަށް މިއީ ބަހަނާއަކަށް ނުވި އެވެ. ދަތުރު ފެށީ ހަ ވަރަކަށް މޭލު ދުރުގައި އޮތް ގެމަނަފުއްޓަށް ފައި މަގުގަ އެވެ. އެ ދަތުރު ވީ މުޅި ހަޔާތުގައި ވެސް ކުރި އެންމެ ދިގު އަދި އެންމެ ތަފާތު ތަޖުރިބާ އަށެވެ.

ފަހަރެއްގައި އަދި ގަބޫލުކުރަން އުނދަގޫވެދާނެ އެވެ. އެހެންނަމަވެސް މިއީ ތެދެވެ. އެދުވަސް އެކަންޏެއް ނޫނެވެ. އޭގެ ފަހުން އެއް އަހަރު ވަންދެން ކޮންމެ ހަފްތާ ބަންދެއްގައި ވެސް އޭނާ މި ދެރަށް ދެމެދުގައި ފައިމަގުން ދަތުރެއް ކުރެ އެވެ. ގަޑިއެއް ނުޖެހެ އެވެ. ސަލާމެއް ނުބުނެ އެވެ. މަސައްކަތާއި އާއިލީ ޒިންމާވެސް އަދާކުރަމުން ދިޔައީ ކެތްތެރިކަމާއި ހިތްވަރާއި އެކު އެވެ.

ގއ.ކަނޑުހުޅުދޫއާއި ގއ.ގެމަނަފުއްޓާއި ދެމެދު އޮންނަ ފަޅު ރަށެއް. މިއީ ދިޔަވަރު ހިކިއިރު މި ސަރަހައްދު އޮންނަ ގޮތް--- ފޮޓޯ: ކޫބެ.އެމްވީ

އެއް ފަޅަކުން ގުޅިފައި އޮންނަ ދެ ރަށެއްގެ ދޭތެރޭގައި ހިނގާފައި ދިއުމަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. ރަށްތައް ގުޅިފައި ހުންނަ ގޮތުން ދިޔަވަރު ހިކި ގަޑިތަކުގައި އެއް ރަށުން އަނެއް ރަށަށް ހިނގާލާފައި ދެވޭނެ އެވެ. އެހެން ނަމަވެސް ގެމަނަފުއްޓާއި ކަނޑުހުޅުދޫއާ ދެމެދު މި ގޮތަށް ހިނގާފައި ދިއުމަކީ އާންމުކަމެއް ނޫނެވެ. އަދި އަބަދު މި ގޮތަށް ދަތުރުކުރަން ޖެހުމަކީ ހައްޓަށް ފަސޭހަ ކަމެއް ވެސް ނޫނެވެ.

މިވަގުތު، ކަނޑުހުޅުދޫ ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައި ހުންނެވި ނިޔާޒު ވިދާޅުވި ގޮތުގައި އޭނާ މި ދެރަށް ދެމެދުގައި ކުރި ފުރަތަމަ ދަތުރަކީ ބިރުވެރި، އަދި ނުތަނަވަސް އެތަށް އިހުސާސެއް ކުރެވުނު ދަތުރެކެވެ.

"އޭރު މިވާގޮތަކީ ރަށުގައި ރައްޔިތުން ނުކުމެ މަސައްކަތްކުރާ ދުވަސްތަކަކީ އެއީ ރަށު ބަންދު ދުވަސްތަކެއް. ރަށު ބަންދުކުރީމާ އެއްވެސް އުޅަނދަަކަށްވެސް ނުފުރޭ. އަޅުގަނޑަށް ދިއުން މަނައެއް ނޫން. އެކަމަކު ދާނެ ގޮތެއް އޮވެގެންތާ ކަނޑެއް ހުރަސްކޮށްފައި ދެވޭނީ. އެހާތަނަށް އަޅުގަނޑު އެއްވެސް ވަރަކަށް ސަލާމެއް ނުބުނަން ސްކޫލަކަށް. އަނެއްކޮޅުން އަމިއްލަ ކަމެއްތާ ރަށަށް އައުމަކީ. އެހެންވެ ހިތަށް އެރީ ކަމަކު ނުދާނޭ. ދާނީއޭ. އެހެންވެ ދާން ނިންމީ،" ނިޔާޒު އޭނާގެ މި ދަތުރު ފެށިގޮތް ކިޔައިދޭން ފެށި އެވެ.

ގއ.ކަނޑުހުޅުދޫއާއި ގއ.ގެމަނަފުއްޓާއި ދެމެދު އޮންނަ ފަޅު ރަށެއް. މިއީ ދިޔަވަރު ހިކިއިރު މި ސަރަހައްދު އޮންނަ ގޮތް--- ފޮޓޯ: ކޫބެ.އެމްވީ

އެއަށްފަހު ދަބަހަށް ބޭނުންވާ ދެތިން ސާމާނެއް އަޅައި ފުރަތަމަ ދިޔައީ ދައްތައެއްގެ ގެއަށް ކަމަށް ނިޔާޒް ބުންޏެވެ. ސަބަބަކަށްވީ އެކަނި ދާންޖެހުމުން ކުޑަކޮށް ބިރުހީވެ ޖެހިލުންވުމެވެ. ނަމަވެސް އެކުގައި އެހެން މީހަކު ގެންގޮސްފިނަމަ އަނެއްކާ އެމީހާ ގޮވައިގެން ކަނޑުހުޅުދޫ އަށް އަންނަން ޖެހޭތީ އެންމެފަހުން ނިންމީ ހަމަ އެކަނިމާ އެކަނި ދަތުރު ފެށުމަށެވެ. ދެން ރަށު ތުނޑީކޮޅުން ފައިބައިގެން ހިނގައިގަންނަން ފެށީ އެވެ.

"އަސްލު އެދުވަސްވަރު އުޅުނީ ދިޔަދޫ އިން މަހަށް ދިޔަ މީހެއް ގެއްލިގެން. ހޯދައި ހޯދައި އެއްވެސް ބަޔަކަށް އެމީހާއެއް އޭރު ނުފެނޭ. އެހެންވެ ހައްތަހާވެސް ހީވަނީ އެމީހާ ހަމަ ދިމާލަކުން ފެނިދާނެ އޭ. އެ ބިރު އޮތް،" ހެނދުނު 8:30 ހާއިރު ފެށި ދަތުރުގެ ވާހަކަ ކިޔައިދެމުން، ހިނިގަނޑަކާއި އެކު ނިޔާޒް ބުންޏެވެ.

ގއ.ކަނޑުހުޅުދޫއާއި ގއ.ގެމަނަފުއްޓާއި ދެމެދު އޮންނަ ފަޅު ރަށެއް. މިއީ ދިޔަވަރު ހިކިއިރު މި ސަރަހައްދު އޮންނަ ގޮތް--- ފޮޓޯ: ކޫބެ.އެމްވީ

ކަނޑުހުޅުދޫ ތުނޑީން ފެށި ދަތުރުގައި އެންމެ ފުރަތަމަ ދެވުނީ ގެމަނަފުށީ ކައިރީގައި އޮންނަ އިނދިމީ ކިޔާ ރަށަކަށެވެ. އެއަށްފަހު އެއާ ޖެހިގެން އޮންނަ ރަށަށް އަރައި އެރަށުގެ ބީޗުން ހިނގާފައި ގޮސް ގެމަނަފުއްޓަށް ދެވުނު އިރު ގަޑިން ހެނދުނު 10:07 ވެއްޖެ އެވެ. ބާރު ހިނގުމުގައި ގޮސް ގެއާ ހަމަވިއިރު އެގޭގައި އުޅުނު އެހެން ޓީޗަރެއް ސްކޫލަށް ދާން ނުކުތީ އެވެ.

ނިޔާޒު ސްކޫލަށް ގަޑިއަށް ހާޒިރުވުމުން އޭނާ އާއި އެކުގައި މަސައްކަތްކުރި އެހެން ޓީޗަރުންނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ނިޔާޒު ބުނިގޮތުން ފުރަތަމަ އެހެން މީހުންނަށް ގަބޫލެއްވެސް ނުކުރެވުނެވެ. އެހެންނަމަވެސް އިސްޓާކީނު ބާލާ ފައި ތިލައިގައި ކެނޑިފައި ހުރި އެކި ތަންތަން ދެއްކުމުން ހައިރާން ކަމާއިއެކުވެސް ގަބޫލުކުރަންޖެހުނެވެ.

"މުރަކަތައް މައްޗަށް އެރި ފައިގެ އެތަންމިތަން ހުރީ ކަނޑައިން ގޮސްފައި. މަޑުމަޑުން ލޭތިކިޖަހާ އޭރުވެސް. ދެން އަޅުގަނޑު ހުރީ ވަރަށް ގަދައަށް އެތަންތަނަށް ފުށްޖަހާފައި. އަސްލު ވޯކީ ޓޯކީ ޒަމާންވީމަ ކުރިން ގުޅާފައިވެސް ބުނިން ފުރޭނެ އެއްވެސް ގޮތެއް ނެތޭ. ހިޔެއް ނުވެއޭ ދެވޭނެ ހެން. އެހެންވީމަ އެމީހުން ހީކޮށްގެންވެސް ތިބީ ނާދެވޭނެ ކަމަށް،" ނިޔާޒް ބުންޏެވެ.

ދިޔަވަރު ހިކިފައި އޮންނައިރު ގއ. ގެމަނަފުށި --- ފޮޓޯ: ކޫބެ.އެމްވީ

މި ގޮތަށް ކޮންމެ ހަފްތާ ބަންދެއް ނިންމާލުމަށް ފަހު ކަނޑުހުޅުދޫން ގެމަނަފުއްޓަށް އޭނާ ދަނީ ފައިމަގުގައި ހިނގާފަ އެވެ. ކިޔަވައި ދިނުމަށް ހުންނަ ޝައުގުވެރި ކަމުގައި އެއް އަހަރު ދުވަސް ވަންދެން އޭނާ މި ތަކުލީފު އުފުލި އެވެ. ހަ ވަރަކަށް މޭލު އޭނާ ފައިމަގުގައި ކަނޑަތުކުރަނީ ކިޔަވައި ދިނުމަށް ހުންނަ ބޮޑު ޝައުގުވެރިކަމުގަ އެވެ.

ވިލިގިލީ ސްކޫލްގައިވެސް މަސައްކަތްކޮށްފައިވާ ނިޔާޒް ވަނީ މީގެ ކުރިން އެޓޯލްސް މިނިސްޓްރީގެ ކާތިބެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަމިއްލަ ރަށުގައި އޭރު ތައުލީމު ހާސިލްކުރެވެން އޮތް އެންމެ މައްޗަށް ކިޔެވުމަށްފަހު އޭނާ މާލެ ބަދަލުވީ ކިޔެވުމުގެ އިތުރު ފުރުސަތުތަކެއް ހޯދުމުގެ މަގްސަދުގަ އެވެ.

މުދައްރިސަކަށް ވުމުގެ ޝައުގުވެރިކަން ހިތުގައި އުފެދެންފެށީ މާލެ ބަދަލުވުމަށްފަހު މާޔާ ކިޔާ ބޭފުޅެއްގެ ޓިއުޝަން ކްލާހުގައި ކިޔަވައިދެއްވުމުގެ މަސައްކަތް ކުރި އިރު އެވެ. އެއަށްފަހު ޓީޗިން ސެޓިފިކެޓު ހޯއްދީ އެޓޯލްސް މިނިސްޓްރީގައި އުޅެމުން ފުރަތަމަ ފަހަރަށް ޓީޗާސް ޓްރެއިނިން ކޯސް އިއުލާނުކުރުމުން ވަޒީފާގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ތަނަވަސްވުމާއި އެކު އެވެ.

މާލޭއިން ތައުލީމު ހާސިލްކުރެވުނު ނަމަވެސް ނިޔާޒުގެ ހިތުގައި އަބަދުވެސް ޝައުގުވެރިކަން އޮތީ އަމިއްލަ ރަށަށެވެ. އެހެންކަމުން ކޯސް ނިންމާލައި ރަށު ސްކޫލުގައި 1994 ގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އެވެ.

ނިޔާޒް އަބްދުﷲ، ދަރިވަރުން ތަކަކާއި އެކު

އެހެންނަމަވެސް އާއިލީ މައްސަލަތަކެއް ޖެހި، އެކަންތައްގަނޑުގައި އޭނާގެ ވަޒީފާ ބަދަލުކުރީ ގެމަނަފުށްޓަށެވެ.

"އާއިލީ މައްސަލަތަކެކޭ ބުނެވޭނީ އޭރު ޖެހުނީ. ދެން އަޅުގަނޑު ބައްޕައަކީ އަސްލު ގެމަނަފުށީ މީހެއް. އެހެންވީމަ އެކޮޅުގައިވެސް އާއިލާއެއް އޮވޭ. އަދި މަންމަ ފަރާތުގެވެސް އާއިލާވެސް ކޮންމެވެސް ވަރަކަށް އޮވޭ. އެހެންވީމަ އެރަށަށް ބަދަލުކުރީމަ ހަމަ ހިތުން ރުހުމުން ދިޔައީ. އެކަމަކު އޭރު މަންމަ ދުނިޔެއަކު ނެތް. ހުރީ ބައްޕަ. އަނެއްކާ ބައްޕަ ވަރަށް ބަލި ދުވަސްވަރެއް އެއީ. ދެން ހުރީ އަލަތު އަނބިމީހާ. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް ދާން ބޭނުންވާނެ ތާ ރަށަށް" ނިޔާޒު ބުންޏެވެ.

އޭރު ނިޔާޒް ކިޔަވައިދެއްވީ ގްރޭޑް އެކަކުން ފަހަކަށެވެ. މިހާރާއި ހިލާފަށް ކިޔަވައިދެނީ ކޮންމެ ހޮނިހިރަކުން ފެށިގެން ބުދަ ދުވަހާއި ހަމައަށެވެ. ބުރާސްފަތި އަދި ހުކުރު ދުވަހަކީ ހަފްތާ ބަންދެވެ. އަދި މިހާރާއި ހިލާފަށް އޭރު ޓީޗަރުން ކިޔަވައިދެއްވަމުން ގެންދެވީ ހުރިހާ މާއްދާއެކެވެ. އެއީ ދިވެއްސާއި އިސްލާމާއި ހިސާބެވެ.

އުމުރުން 19 އަހަރާއި 20 އަހަރާއި ދެމެދު ތައުލީމީ ދާއިރާއަށް ހިދުމަތް ކުރަން ފެއްޓި ގޮތަށް މިއަދާއި ހަމައަށްވެސް ނިޔާޒު ހުރީ މި ދާއިރާގައި ސާބިތުކަމާއި ޖޯޝާއި އެކީ އެވެ. އޭނާ ބުނި ގޮތުގައި މިއީ ނިކަން ކުރާހިތުން، ލޯތްބާއިއެކު ކުރާ މަސައްކަތަކެވެ.

comment ކޮމެންޓް