ހޯރަފުށީ އެއާޕޯޓަށް ލަފާ ފުރޭނެ ގޮތް ހަދައި ދިނުމަށް އެދި ރައީސް އަރިހަށް

ހއ. ހޯރަފުއްޓާއި ގުޅިފައިވާ އެއާޕޯޓު: އެ އެއާޕޯޓަށް ވަކިން ލަފާ ފުރޭނެ ގޮތް ހަދައި ދިނުމަށް ވަނީ އެދިފައި ----

ހއ. ހޯރަފުއްޓާއި ގުޅުވައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓަށް ލަފާ ފުރޭނެ ގޮތަށް ޖެޓީއެއް އަޅައި ދިނުމަށް އެދި އެ އަތޮޅުގެ ގިނަ ރަށްތަކަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިމުމާ ގާތް ވެފައިވާއިރު އެތަނުން ދަތުރުކުރާ ފަރާތްތަކުން ޖެހޭނީ، ހޯރަފުށި މެދުވެރިކޮށް އެއާޕޯޓަށް އަރާށެވެ. އެކަމުގެ ސަބަބުން ހޯރަފުށި ނޫން ދެން ހުރި ރަށްތަކުގެ މީހުނަށް އެކަން އިތުރު ތަކުލީފަކަށް ވާނެ އެވެ.

އެކަމާ ގުޅިގެން ހއ. އަތޮޅުގެ 14 ރަށުގެ ތެރެއިން 12 ކައުންސިލަކާއި އެ އަތޮޅު ކައުންސިލުން ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަން ވަނީ އެނގިފަ އެވެ. ވަކިވަކިން ފޮނުވި އެ ސިޓީގައި ހުރިހާ ކައުންސިލަކުން ވެސް ފާހަގަކޮށްފައިވަނީ ހޯރަފުށީ އެއާޕޯޓަށް ވަކިން ލަފާ ފުރޭނެ ގޮތް ނެތް ނަމަ، ރައްޔިތުންނަށް ދިމާވާނެ ދަތިތަކާގުޅޭ ކަންބޮޑުވުމެވެ.

ހއ. ހޯރަފުއްޓާއި ގުޅިފައިވާ އެއާޕޯޓު: އެ އެއާޕޯޓަށް ވަކިން ލަފާ ފުރޭނެ ގޮތް ހަދައި ދިނުމަށް ވަނީ އެދިފައި ----

"ރަށް ރަށުން ދިގު ދަތުރެއް ކޮށްފައި އަނެއްކާ މި ޖެހެނީ ހޯރަފުށިން އިތުރު ދަތުރެއް ކޮށްފައި އެއާޕޯޓަށް ދާން. އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ބުރަޔަކާއި ތަކުލީފެއް އުފަލަން މި ޖެހެނީ. މި ކަމަށް ހައްލެއް ހޯދަން ބޭނުންވަނީ،" ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު 'ސަން' އަށް ވިދާޅުވި އެވެ.

ހއ. އަތޮޅުގައި ދެ ރިސޯޓެއް އޮތްކަން ފާހަގަކޮށް މުހައްމަދު ރަޝީދު ވިދާޅުވީ، ހޯރަފުށީ އެއާޕޯޓަށް ލަފާ ފުރޭނެ ގޮތް ނެތް ނަމަ އެކަމުގެ އަސަރު އެ އަތޮޅުގެ ޓުއަރިޒަމަސް ވެސް ކުރާނެ ކަމަށެވެ. އެގޮތުން ގިނަ ދަތުރުތަކެއް ކުރަން ޖެހުމަކީ ޓުއަރިސްޓުންގެ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.

އެ އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނޯ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތެވެ.

comment ކޮމެންޓް