ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓެލެންޓް ޕްލެޓްފޯމް 'ލިޓްލް ބަޑީ ޓެލެންޓްޒް'ގެ މުބާރާތެއް ރާއްޖޭގައި ފަށަނީ

ކުޑަކުދިންނަށް ހާއްސަ، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓެލެންޓް ޕްލެޓްފޯމް "ލިޓްލް ބަޑީ ޓެލެންޓްޒް"އިން ރާއްޖޭގައި އޮންލައިން ޓެލެންޓް މުބާރާތެއް ފަށައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2.5 އަހަރާއި 18އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މުބާރާތުގެ ބައިވެރިންނަށް މައިގަނޑު ހަތަރު ހަރަކާތަކުން ހުނަރު ދައްކާލެވޭނެ އެވެ. އެއީ ކުރެހުން، ލަވަކިޔުން، ނެށުން އަދި އިންސްޓްރުމެންޓަލް މިއުޒިކް އެވެ. ބައިވެރިން ބަހާލާނީ ހަތަރު އުމުރުފުރާއެއްގެ ކެޓަގަރީއަކަށެވެ. އެއީ

  • ކެޓަގަރީ އޭ: 2.5 އަހަރު - ފަސް އަހަރު
  • ކެޓަގަރީ ބީ: ހަ އަހަރު - 10 އަހަރު
  • ކެޓަގަރީ ސީ: 11 އަހަރު - 13 އަހަރު
  • ކެޓަގަރީ ޑީ: 14 އަހަރު - 18 އަހަރު

މުބާރާތުގައި ބައިވެރިވުމަށްޓަކައި ކޮންމެ ބައިވެރިއަކުވެސް، ޝައުގުވެރިވާ ކެޓަގަރީއަކުން އެ ބައިވެރިއެއްގެ ހުނަރު ފެންނަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް މިކަމަށް ހާއްސަ ވެބްސައިޓަށް އަޕްލޯޑު ކުރަން ޖެހޭނެ އެވެ.

މި މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ، ނެށުންތެރިޔާ ރޮބޯމޭން އަދި ކުރެހުމުގައި ތަޖުރިބާކާރު ސުމްޔާ ސުދީޝް އެވެ.

ރާއްޖޭގައި ލިޓްލް ބަޑީ ޓެލެންޓްޒް މުބާރާތުގެ ފުރަތަމަ ސީޒަން ފަށާފައިވާއިރު، ޔޫރަޕް، އެފްރިކާ އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ރާވާފަ އެވެ. އަދި ކޮންމެ ގައުމަކުން ވެސް ގަދަ 16އަށް ހޮވޭ ބައިވެރިން ވާދަކޮށްގެން ދުނިޔޭގެ ގަދަ ހަތަރެއް ހޮވާ މުބާރާތެއް ވެސް އޮންނާނެ އެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކުން މުބާރާތުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ.

ރާއްޖޭގައި ބާއްވާ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ.

comment ކޮމެންޓް