ދެކުނުގެ އަތޮޅުތައް ސީޕްލޭން ދަތުރުތަކުން ގުޅުވާލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީގައި ސީޕްލޭން ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/މޯލްޑިވިއަން

ދެކުނު ހަތަރު އަތޮޅު ސީޕްލޭން ދަތުރުތަކުން ގުޅުވާލުމަށްޓަކައި އައްޑޫ ސިޓީގައި ސީޕްލޭން ދަތުރުތައް ފަށަން އައިލެންޑް އޭވިއޭޝަނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން އެއްބަސްވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލްގެ ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އައްޑޫ ސިޓީގައި ސީޕްލޭން ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/މޯލްޑިވިއަން

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސީޕްލޭން ދަތުރުތައް ފަށައިގަންނައިރު މާބޮޑު ފައިދާއެއް ނުކުރާނެކަން އޭއައިއޭއަށާއި އައިލެންޑް އޭވިއޭޝަނަށް ވެސް އެނގޭނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ރާއްޖެއަށް އަދި ވަކިން ހާއްސަކޮށް ދެކުނަށް ގެންނަން ރާވާފައި ހުރި އިގްތިސާދީ ކަންކަން ހާސިލުކުރުމަށްޓަކައި މިއީ ވާންޖެހޭ ގުރުބާނީއެއް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި މިހާރު ހުރި ޖުމުލަ އެނދުގެ އަދަދަކީ ކޮމާޝަލް ދަތުރުތަކަށް ފައިދާކުރަނިވި އަދަދެއް ނޫން ކަމަށާއި، އެނދުގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ.

"މި ސަރަހައްދުގައި މިހިރީ ގާތްގަނޑަކަށް 2400 އެނދު [މިވަގުތު ހުޅުވައިފައި ހުރި އެނދުތަކެއް ނޫން]. އެއީ މަތިންދާބޯޓު ވިޔަފާރިއަށް ފަހި އަދަދެއް ނޫން. މަތިންބޯޓު ވިޔަފާރި ފަހިކުރަން މި ސަރަހައްދަށް މަދުވެގެން 6000 އެނދު ގެންނަން ޖެހޭ،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

"2022 ވަނަ އަހަރު ވާން ޖެހޭނެ ފިސާރި އަހަރަކަށް. އެއީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ވެސް މެ. 2022ވަނަ އަހަރަކީ މިއަދު މި ސީޕްލޭން ހަބް ފެށުމަށް ކުރެވުނު އެއްބަސްވުމުގެ އަލީގައި އަދި އެހެން ކަންކަމާއެކު އިތުރު ބޯޓުތައް މިތަނަށް އައިސް، މި ސަރަހައްދުގައި ފަތުރުވެރިކަން ކޮމާޝަލީ ވަޔަބަލް [ވިޔަފާރިއެއްގެ ގޮތުގައި ފުރިހަމައަށް ފައިދާ ލިބިގެން] ހިނގައިގަންނަ އަހަރަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ދެކުނު ސީޕްލޭން ދަތުރުތައް ފަށަން މިއަދު ނިންމި ނިންމުމަކީ ވިޔަފާރީގެ ގޮތުން ބަލަފިނަމަ "ރިސްކީ" ކަމެއް ކަމަށާއި މިކަމުގެ ފައިދާ ކުރު ރާސްތާގައި ނުކޮށްފާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ސީޕްލޭން ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

"އެ ބޭފުޅުން [އޭއައިއޭ، އައިލެންޑް އޭވިއޭޝަން] މި ނެންގެވީ ވިޔަފާރީގެ ގޮތުން ބަލައިފިނަމަ ވަރަށް ބޮޑު ރިސްކެއް. ހަމަގައިމު ވެސް ކުރިއަށް އޮތް މަސްތަކުގައި އަދި އަހަރުތަކުގައި ވެސް އޭގެން ފައިދާވާނެ ކަމާމެދު އެހާބޮޑު ޔަގީންކަމެއް އޮތް ކަމެއް ނޫން. އެހެން ނަމަވެސް މި ރިސްކު ކޮންމެވެސް ބަޔަކު ނުނަގާ، މުޅި ރާއްޖެއަށް ގެންނަން ބޭނުންވާ އިގްތިސާދީ ކުރިއެރުމާއި އަދި ހާއްސަކޮށް ދެކުނަށް މި ގެންނަން ބޭނުންވާ ކުރިއެރުމެއް ނުގެނެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމުގެ ފައިދާ އައިލެންޑް އޭވިއޭޝަނަށް ކުރިއަށް އޮތް އަހަރުތަކުގައި ލިބޭނެކަމާ ދޭތެރޭ ޝައްކެއް ނުކުރަން. އެހެން ނަމަވެސް ކުރު ރާސްތާގައި ގެއްލުން ކުރަން ޖެހޭނެ. ނަމަވެސް އޯވަރޯލްކޮށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކާމިޔާބުވުމަށް ހުވަދޫއާއި ފުވައްމުލަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތް ކާމިޔާބު ކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ފެށުން މިއަދު ފެނިގެން މި ދިޔައީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ދެ މިނިސްޓަރުންގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ދެއްކެވި ވާހަކައިގައި ވެސް އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދު މަދުކަން ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން އައްޑޫ އެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކަށް މާބޮޑު ފައިދާއެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް ދެކުނުގެ އަތޮޅުތައް ގުޅުވާލުމުން މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސޯދިގު ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން އަޅުވައިގެން ތިބޭތާ ލައްކަ ދުވަސްވެއްޖެ. މިތަނަށް ސްރީލަންކަންއިން ވަރަށް ހިތްވަރާއެކު ފްލައި ކުރަމުން އެބަދޭ. ޕެންޑެމިކްއާ ހެދި ހުއްޓާލިއިރު، ގަވާއިދުން ފްލައި ކުރަމުން އައިއިރު ވެސް، ސްރީލަންކަންއިން އެންމެ ފަހުން ވެސް ފާހަގަކުރީ ތިމަންމެންނަށް ހަމަ ކިރިޔާއޭ ހަފްތާއަކު ދެތިން ފްލައިޓް އަޅާލެވެނީ. އިތުރަށް ފްލައި ކުރެވެން އޮތީ އައްޑޫ ނޫން އެހެން ތަނަކަށް އެ ފްލައިޓްތައް ދިމާވާ ގޮތަށް، ޑޮމެސްޓިކް ލިންކެއް އޮވެގެން،" ސޯދިގު ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތައް ސީޕްލޭން ދަތުރުތަކުން ގުޅުވާލަން މިއަދު އެއްބަސްވެފައިވާއިރު، މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ހިދުމަތް ފަށަން ސީޕްލޭން ޓާމިނަލް މަރާމާތު ކުރުން ފަދަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ދަތުރުތައް ފަށަން އަދި 45 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.

އައްޑޫ ސިޓީ ގަމުގައި ގާއިމް ކުރި ސީޕްލޭން ޓާމިނަލް: ބޭނުން ނުކޮށް އޮތުމުގެ ސަބަބުން އެތަން މިހާރު އޮތީ ހަލާކުވާން ކައިރިވެފައި -- ސަން ފޮޓޯ


"އިންވެސްޓު ކުރަން ތިބި ފަރާތްތަކާ ބޭރުގެ ފަރާތްތަކާ އެއާލައިންތަކަށް އަދި ހުވަދޫގައި ހުރި ރިސޯޓުތަކަށް ޔަގީންކަން ދޭން ބޭނުންވޭ މިކަން [ސީޕްލޭން ދަތުރުތައް] މި ފެށުނީކަން. އިރާދަކުރެއްވިއްޔާ ދޮޅު މަސް ތެރޭގައި ހުވަދޫއާއި އައްޑޫއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރަން ފެށޭނެ ކަމާމެދު ޝައްކެއް ނުކުރަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް