ޔުނައިޓެޑަށް ހައްގުވާ މިންވަރަށް ކާމިޔާބީ ހޯދައިދެވުނު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގުބާއަށް އިރުޝާދު ދެނީ --- ގެޓީ: ފޮޓޯ: ބީބީސީ

މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އެކުލަބަށް ހައްގުވާ މިންވަރަށް ކާމިޔާބީ ހޯދައިދެވުނު ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރުގެ ޓޮޓެންހަމް ހެޑް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ގިނަބަޔަކު ބަލައިގަންނަ މޯރީނިއޯގެ މިހާރުގެ ކުލަބާއި، ކުރީގެ ކުލަބުގެ ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަ އިރު މޮރީނިއޯ ވަނީ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި މާދަމާ ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުނީ ޔުނައިޓެޑާ އެކު ޕްރިމިއާ ލީގުގެ ކާމިޔާބީއެއް ނުލިބުނު ކަމުގައި ވީނަމަވެސް އެކުލަބަށް ހޯދައިދެވެން ހުރި ކާމިޔާބީއެއް ހޯދައިދެވުނު ކަމަށެވެ.

ޔުނައިޓެޑްގެ ހެޑްކޯޗުގެ ގޮތުގައި ދެ ސީޒަނާއި ބައި ހޭދަކުރި މޮރީނިއޯ އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއަށްފަހު ޔުނައިޓެޑަށް އަދި އެއްވެސް ތަށްޓެއް ލިބިފައި ނުވާ އިރު މޮރީނިއޯ ބުނީ އޭނާ އެކުލަބުގައި ކޮށްދިން މަސައްކަތް ބަލައިނުގަންނަ ބަޔަކު ތިބި ނަމަވެސް ކުލަބުގެ ސަޕޯޓަރުންނަށް އޭނާ ހޯދައިދިން ކާމިޔާބީތައް ދުވަހުކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

"އަހަރެން މުޅި ހަޔާތް ކުލަބަށްޓަކައި ދޫކޮށްލައިގެން ހުރީ. ކުލަބަށް ހައްގުވާ މިންވަރުން ހުންނާނީ ކާމިޔާބީ ހޯދައިދީފައި. އެކަމަކު ލިބެން ނެތް ތަށްޓައް ނުހޯދޭނެ ކިތަންމެ މަސައްކަތެއް ކުރިޔަސް،" މޮރޯނިއޯ ބުންޏެވެ.

މޮރޯނިއޯގެ އިރުޝާދާ އެކު ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑާއި، ޖެހިގެން އައި އަހަރުގެ އިނގިރޭސި ލީގު ކަޕާއި، ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ 2017-2018 ވަނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ދެވަނަ ވެސް ހޯދައިފަ އެވެ.

"ވަރަށް ބައިވަރު ރައްޓެހިންނާއި، ހަނދާންތަކެއް އެކުލަބުގައި ދޫކޮށްފައި އައިސް މިހުރީ. އެކަމަކު އެހުރިހާ ހަނދާންތަކެއް 90 މިނަޓަށް މަޑު ޖައްސާލަން ޖެހިފައި މިއޮތީ. އެމީހުން [ޔުނައިޓެޑް] ވެސް ބޭނުންވާނީ މޮޅުވާން، އެފަދައިން އަހަރެން ވެސް [ޓޮޓެންހަމް] ބޭނުންވަނީ މޮޅެއް."

ޓޮޓެންހަމުގެ ކޯޗުކަމާ މިދިޔަ ސީޒަނުގައި މޮރީނިއޯ ހަވާލުވިފަހުން ޔުނައިޓެޑާ ދެކޮޅަށް ވަނީ ދެ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި 1-2 އިން ބަލިވި އިރު ދެވަނަ މެޗުގައި ވީ އެއްވަރެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗަކީ މުހިއްމު މެޗެއް ކަމަށާއި، ރަނގަޅު ފޯމެއްގައި އޮތް ޓޮޓެންހަމުން އެ މެޗުން މޮޅުވާން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މޮރޯނިއޯ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް