ދުވާފަރު މަގު ހަދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި

ދުވާފަރުގެ މައި މަގުތައް ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ

ރ. ދުވާފަރުގެ މައި މަގުތައް ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި އެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ސީއޯއޯ ޝާހިދު ހުސައިން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަދި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު އެވެ.

ދުވާފަރުގެ މައި މަގުތައް ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4،960 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، އުޅަނދުފަހަރަށް ދުއްވޭ ގޮތަށް 17،790 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ.

ހަމައެއާއެކު ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުން ވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 300 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

ދުވާފަރުގެ މައި މަގުތައް ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 37.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މީގެ އިތުރުން އެމްޓީސީސީއާއި ޕްލޭނިން މިނިސްޓްރީގެ އިސްބޭފުޅުންގެ އަދި ދުވާފަރު ދާއިރާގެ މެންބަރު ވަނީ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިޔަށްދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވާފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހުގަ އެވެ. ދެވަނަ ފިޔަވަހި ފެށިއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 77 ޕަސެންޓު ވަނީ ނިމިފަ އެވެ.

ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަހައްދަކާއި މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފަ އެވެ.

ފުރަތަމަ ފިޔަވައްސަށް 47.04 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމަން ރާވާފައިވަނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހަށެވެ.

comment ކޮމެންޓް