ލިވަޕޫލުގެ ފޯވާޑް މާނޭ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލުގެ ހުނަރުވެރި ފޯވާޑް ސާޑިއޯ މާނޭ --- ފޮޓޯ//ލައިވްސްކޯ

ލިވަޕޫލުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެނަގަލްގެ ފޯވާޑް ސާޑިއޯ މާނޭ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން ކުލަބުން ހާމަކޮށްފި އެވެ.

މާނޭ ޕޮޒިޓިވްވުމާ ގުޅިގެން ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަންނަ އާދީއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ސްކޮޑުގައި ނުހިމަނަން އެ ޓީމުން ވަނީ ކޯޗު ޔާގެން ކްލޮޕްއަށް އަންގައިފަ އެވެ. ކޮވިޑްގެ ބައެއް އަލާމަތްތައް ވެސް ފެނިފައިވާ މާނޭ މިހާރު 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމުގެ ގޮތުން އަމިއްލަ ގޭގައި އެކެހެރިވެފައިވާކަމަށް ލިވަޕޫލުން ވަނީ ބުނެފަ އެވެ.

ކުރީ ސީޒަނުގެ ބޮޑު ކާމިޔާބީއާއެކު ލިވަޕޫލުން އައު ސީޒަނާއި ކުރިމަތިލި އިރު، މާނޭއާ އެކު ދާދި ފަހުން ލިވަޕޫލާ އަލަށް ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗުތައް ލިވަޕޫލުން މި ދެ ކުޅުންތެރިން ނުލައި ކުޅެން ޖެހޭ އިރު އެ ޓީމު ވަނީ އެންމެ ފަހުން އިނގިރޭސި ލީގު ކަޕުގައި އާސެނަލް އަތުން ބަލިވެ ކަޓައިފަ އެވެ.

މާނޭ، 28، ކޮވިޑަށް ޕޮޒިޓިވްވިކަން ކުލަބުން ހާމަކުރި އިރު އޭމާ މި ސީޒަނުގައި މިހާތަނަށް ލިވަޕޫލުން ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަނީ ކުޅެފަ އެވެ. އަދި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެ ގޯލު ޖަހައި މޮޅު ކުޅުމެއް ދެއްކި މާނޭ މިވަގުތު ހުރީ ރަނގަޅު ފޯމެއްގަ އެވެ.

މާނޭ ވަނީ ލިވަޕޫލަށް ކުޅެދިން 174 މެޗުގައި 84 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މާނޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް