ޕްރީސްކޫލުތަކާއި ގުރުއާން ކްލާސްތަކުން އެހީއަށް އެދެން އިތުރު ފުރުސަތެއް ދީފި

13 ޖެނުއަރީ 2016: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން. ދޮންދޫނި ޕްރީ ސްކޫލް --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮވިޑް19ގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކަށް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީވުމަށް އެފަދަ ތަންތަނަށް މާލީ އެހީ ދޭން ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ގުުރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް މާލީ އެހީދިނުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެހީއަށް އެދި ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަން ޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެހީއަށް އެދި ކުރިމަތިލީ ފަރާތްތައް މަދު ކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކުން ޑޮކިއުމެންޓްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި ވީހާ ވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެހީއަށް އެދި ހުށައެޅުމަށް ފުރުސަތު އިތުރަށް ހުޅުވާލާ ކަމަށެވެ.

އަދި ކުރިން ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމު ބާތިލު ނުވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުށަހަޅާފައިވާ ލިޔުންތައް ފުރިހަމަވެފައިވާ ފަރާތްތަކަށް ލިޔުންތައް ފުރިހަމަވެފައިވާކަން މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކަށް އެލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް މިމިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށާއި އަދި އެ ފަރާތްތަކުން ވެސް އިއުލާންގައިވާ ސުންގަޑީގެ ކުރިން އެލިޔުންތައް ފުރިހަމަކުރުމަށް ފަހު ހުށައަޅަން ވާނެ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ ލިޔުންތައް ފުރިހަމަކޮށް އެޕްލިކޭޝަން ހުށައެޅިފައިވާކަން ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީއަށް މެއިލް ކުރަން ވަނީ އެދިފަ އެވެ.

މިނިސްޓްރީން ބުނީ ސުންގަޑީގެ ފަހުން ލިބޭ އެޕްލިކޭޝަންތައް ބާތިލުވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި އެފަރާތްތުގައި ހުންނަން ޖެހޭ ޝަރުތުތައް އަދި، ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ގުރުއާން ކްލާސްތަކަށް ޖުމްލަ ފަސް ލައްކަ ރުފިޔާ އަދި ޕްރީ ސްކޫލުތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މި އުސޫލުގެ ދަށުން އެހީގެ ފައިސާ ދޭން ނިންމާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރެޖިސްޓްރީ ކޮށްގެން ހިންގާގުރުއާން ކްލާސްތަކަށާއި، އަމިއްލަ ޕްރީ ސްކޫލުތައް އަދި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށެވެ.

މީގެ އިތުރުން ޕްރީ ސްކޫލަކީ މިނިސްޓްރީގެ މީމިސްގައި ރަޖިސްޓްރީވެ، ދަރިވަރުންވެސް އެ ސިސްޓަމުގައި ރެޖިސްޓްރީކޮށްފައިވާ ސްކޫލަކަށް ވާންޖެޖޭނެ ކަމަށާއި ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެ، 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ޕްރީސްކޫލަކަށް ވާންޖެހޭނެ ކަމަށް އުސޫލު ބުނެ އެވެ.

އުސޫލުގައި ބުނީ ފައިސާ ދިނުމުގައި، ދައިސާ ދޭންޖެހޭ ދަރިވަރުން ކަށަވަރު ކުރާނީ މީމިސް ސިސްޓަމުގެ ތެރެއިން ކަމަށެވެ.

މި އެހީއަށް އެދި ހުށަހަޅާ ގުުރުއާން ކްލާހަކީ 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ، އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގުރުއާން ކްލާހުން އެހީ ހޯދުމަށް ފޯމު ހުށަހަޅާއިރު، ރަށުކައުންސިލުން، އެ ކްލާހަށް ހާޒިރުވާ ދަރިވަރުންގެ މައުލޫމާތުއެކުލެވޭ ލިސްޓެއް ކައުންސިލްގެ ތައްގަނޑު ޖަހައި ކައުންސިލްގެ ރައީސްގެ ސޮޔާޢެކު ފޮނުވަންޖެހެއެވެ.

މިނިސްޓްރީ އިން ބުނީ މި އެހީއަކީ ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމަށް ހަރަދުކުރެވޭ ފައިސާ އަށް ވާންވާނެ ކަމަށެވެ.

މި ފައިސާގެ އެހީދިނުމުގައި މާކްސްދޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް