ކޮޗިން ކާގޯ ބޯޓުން ގެނައި ސިމެންތި އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަނީ

އިންޑިއާ-ރާއްޖެ ކާގޯ ބޯޓު ހދ. ކުޅުދުއްފުށީ ބޭރުގައި -- ފޮޓޯ/ ޕީއެސްއެމް

އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު ފަށާފައިވާ ކާގޯ ބޯޓުން ގެނައި ސިމެންތި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ކޮޗިން ކާގޯ ބޯޓު ފުރަތަމަ ފަހަރަށް އައީ މި މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ބޯޓު އައީ އެސްޓީއޯގެ 500 ޓަނުގެ ސިމެންތި އަދި އެހެނިހެން ބައެއް މުދާ ހިފައިގެންނެވެ.

ކުރިން ރެމްކޯ ސިމެންތި ބަސްތާތައް ވިއްކަމުން ދިޔަ އަގަށް ވުރެ ކުޑަ އަގެއްގައި، އެ ބޯޓުން ގެނައި ރެމްކޯ ސިމެންތި ބަސްތާތައް އެސްޓީއޯގެ ކުޅުދުއްފުށީ ފިހާރައިން ވިއްކަން މިހާރު ވަނީ ފަށައިފަ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މީގެ ކުރިން އެ ކުންފުނިން ރެމްކޯ ސިމެންތި ބަސްތާއެއް ވިއްކަމުން ދިޔައީ ބަސްތާއެއް 106 ރުފިޔާ އަށެވެ. ނަމަވެސް، މިހާރު ރެމްކޯ ސިމެންތި ބަސްތާއެއް ވިއްކަނީ 90 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ސިމެންތީގެ އަގު ކުޑަވީ ކޮޗިން ކާގޯ ބޯޓުން މުދާ ގެންނަން ފްރައިޓް ޗާޖު ކުޑަވުމުންނެވެ.

ކުރިއަށް އޮތްތަނުގައިވެސް ކޮޗިން ކާގޯ ބޯޓު މެދުވެރިކޮށް، މުދާ ގެނެސް މިހާރަށް ވުރެ އަގުހެޔޮކޮށް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިމެންތީގެ އިތުރުން އެސްޓީއޯއިން އާންމުކޮށް އެތެރެ ކުރާ އެހެން ބާވަތްތަކުގެ ތަކެތިވެސް ކޮޗިން ކާގޯ ބޯޓުން އަދި ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުފުއްޓާއި މާލެއާ ދެމެދު ބާއްވާ އެ ކާގޯ ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރު އެވެ.

އެ ދަތުރުތަކުގައި ބޭނުން ކުރާ ބޯޓުގައި 20 ފޫޓު، އަށް ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެ އެވެ. އެއީ 3،000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އެވެ.

ކާގޯ ބޯޓުގެ ހިދުމަތާއެކު، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް