ދުވަސްވީ މީހުން މާލީ ދާއިރާއަށް ހޭލުންތެރިކުރަން ބީއެމްއެލް އިން ބައްދަލުވުމެއް ބާއްވައިފި

ރަށެއްގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް --

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކި ބްރާންޗްތަކާ ގުޅިގެން އަތޮޅު ތެރޭގައި ސްކޭމް އަދި ފްރޯޑް އިން ރައްކާތެރިވުމާއި މާލީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ބޭނުމުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ ޅ. ނައިފަރު، ށ. ފުނަދޫ، އއ. ރަސްދޫ، ތ. ގުރައިދޫ، ގދ. ތިނަދޫ އަދި ސ. ހުޅުމީދޫގަ އެވެ.

އެ ބައްދަލުވުމުގައި ބޭންކިންގް އާއި ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގް ބޭނުންކުރުމާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ވަކިން ހާއްސަކޮށް އެކި ކުންފުންޏާއި މުއައްސަސާތަކުގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

އަދި ބޭންކުން ވަނީ އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިންގ ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ބީއެމްއެލްގެ ފަރާތުންވަނީ ހިއްސާކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބައްދަލުވުމުގައި އެކި ރަށްތަކުން 300 ބައިވެރިން ބައިވެރިވި ކަމަށެވެ.

އެ ބައްދަލުވުން ބޭއްވިފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާއި އެެއްގޮތަށް ކަމަށާއި އަދި ބައްދަލުވުން ކުރިއަށް ދިޔަ ހޯލު ތަކުގައި ބައިވެރިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަށް ދީފައިވާނެ ކަމަށެވެ.

comment ކޮމެންޓް