އައްޑޫގެ ދޮންދީނި ހިމާޔަތް ކުރަން ކާޅު މެރުމުގެ ހުއްދައަކަށް އެދެފި

ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ދޮންދީނި -- ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް މާ ބޮޑަށް ކުރިމަތިވާ ކަމަށް ބުނެ، ދޮންދީނި ހިމާޔަތް ކުރަން ކާޅު މެރުމުގެ ހުއްދައަކަށް އައްޑޫ ސިޓީ ކައުންސިލުން އެދެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮން ބައެއްކަން ނޭނގޭ ބަޔަކު އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުމުގެ ސަބަބުން، އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި އެ ކާޅުތައް ދޮންދީނިތައް މަރައި، ޅަ ދޮންދީނިތައްވެސް "ކައި ހުސްކުރަމުން"ދާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ވަނީ ލިބިފަ އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގައި އެ ކާޅުތައް ނައްތާލުމުގެ ހުއްދައަށް އެދިފައިވާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އަދި ކާޅުތައް މެރުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތާ މެދު އެންވަޔަަރަމެންޓް މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

"ވީމާ އައްޑޫ ސިޓީގެ ތެރެއަށް ދޫކޮށްފައިވާ މި ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު ކައުންސިލުން ވަނީ އެންވަޔަމެންޓް މިނިސްޓްރީގެ ލަފަޔަކަށް އެދިފައި،"

ދޮންދީނި އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިމާޔަތް ކުރި އެއް ދޫންޏެވެ. އެ ދޫނި ރާއްޖޭގައި އެންމެ ގިނައިން ފެންނަން ހުންނަނީ އައްޑުއިންނެވެ.

comment ކޮމެންޓް