ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ، މަޖިލިސް ރައީސް ދިފާއުވެއްޖެ

މަޖިލިސް ރައީސް: ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ އެމަނިކުފާނު ވަނޫ ދިފާއުވެވަޑައިގެންފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދިފާއުވެވަޑައިގެންފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މި ވަނީ، އެ ކޮރަޕްޝަން ހިންގުމުގެ އެއް ބައިވެެރިއެއްގެ ގޮތުގައި ހިމެނޭ ކުރީ ނައިބު ރައީސް އަހްމަދު އަދީބު، އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި "ހިޔާނާތުގެ ފައިސާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް" ކަމަށް ވިދާޅުވެފައިވާތީ އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައި ނުވޭ،" އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވަމުން އޭނާ އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ހިޔާނާތުގެ ފައިސާ އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ މަޖިލިސް މެމްބަރުން އަދި ސިޔާސީ ވަރަށް ގިނަ ކަންކަމަށް ހަރަދު ކުރި ކަމަށެވެ.

"މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް، މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވޭ. މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.

ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ ނަޝިދު ދިފާއުވި އިރު، ސަރުކާުރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީންވެސް ވަނީ އެކަން ދޮގުކޮށް ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

އޭނާ ވިދާޅުވީ، އެއީ މިދިޔަ ސަރުކާރުން އިންތިޒާމްވެގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ "ސްކޭމް" އެއް ކަމަށެވެ. އަދި އެފައިސާ ހޯދުމަށާއި ތަހުގީގަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށްވެސް އަދީބު އިއްޔެ ވިދާޅުވި އެވެ. އޭގެ އިތުން މިހާރު މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުން އެ ފައިސާ ހޯދޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އެ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންގެ އަރިހުން މައާފަށްވެސް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް ޖަލުގައި އޮވެ ތައުބާވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް