"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި މީރާ އިން ކެމްޕޭނެއް

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ނުކުރާނަމަ އުނިކުރަމާ" ގެ ނަމުގައި މީރާ އިން ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނަކީ މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ނުވަތަ ވިޔަފާރިނުކުރާ ފަރާތްތަކާއި، ޖީއެސްޓީ ރަޖިސްޓްރީން އުނިކުރުމުގެ ޝަރުތު ހަމަވާ ފަރާތްތައް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށް މީރާ އިން ބުންޏެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފަރާތްތަކުން ސުން-ބަޔާން ހުށަހަޅަމުންދާ ކަމަށާ، އަދި ބައެއް ފަރާތްތަކުން އެއްވެސް ގޮތަކަށް ބަޔާން ހުށަނާޅާ ކަމަށްވެސް މީރާއިން ބުންޏެވެ.

މީގެ ތެރޭގައި، ތަފާތު ވިޔަފާރިތައް ކުރަން ރަޖިސްޓަރީކޮށް، އެހެން ނަމަވެސް ވިޔަފާރި ނުފެށިފައިވާ ފަރާތްތަކާއި އެކި އެކި ބީލަންތަކަށް ކުރިމަތިލާން ރަޖިސްޓަރީކޮށް، ބީލަން ކާމިޔާބު ވެފައި ނުވާ ފަރާތްތަކާއި، ވިޔަފާރިކުރުން ހުއްޓާލައިފައިވާ ފަރާތްތައްވެސް ހިމެނުން އެކަށީގެންވާކަމަށް މީރާއިން ބުންޏެވެ.

އަދި، ވިޔަފާރި ނުކުރި ނަމަވެސް ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ ޓެކްސް ނެގޭ ކޮންމެ މުއްދަތަކާ ގުޅިގެންވެސް ކަނޑައެޅިފައިވާ ސުންގަޑީގައި ޓެކްސް ބަޔާން ހުށަހަޅަން ޖީއެސްޓީ ޤާނޫނުން ލާޒިމު ކުރާތީ މިފަދަ ފަރާތްތަކުންވެސް، ޖީއެސްޓީ ރަޖިސްޓަރީން އުނި ނުކުރާނަމަ، ޓެކްސް ބަޔާން ހުށަހަޅަން ޖެހޭކަމަށާއި އަދި ބަޔާން ހުށަނޭޅުމުގެ ސަބަބުން މިފަދަ ފަރާތްތައްވެސް ޖޫރިމަނާވަމުން ދާކަމަށް އެ އިދާރާ އިން ހާމަކުރެއެވެ.

"އެހެންކަމުން، 'ނުކުރާނަމަ އުނިކުރަމާ' ގެ ނަމުގައި މީރާއިން މި ފެށި ކެމްޕެއިނުގެ މަގުސަދަކީ މި ދެންނެވުނު ގޮތަށް ވަމުންދާ ޖޫރިމަނާތައް ނުވާނެހެން، މީރާގައި މި ވަގުތު ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ޖީއެސްޓީއަށް ރަޖިސްޓަރީކުރުން ލާޒިމު ނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުން" މީރާ އިން ބުންޏެވެ.

މީރާއިން ބުނީ ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ޓޫރިޒަމް މަސައްކަތްކުރާ ފަރާތްތައް ނުވަތަ މުދާ އިމްޕޯޓްކުރާ ފަރާތްތައް ފިޔަވާ އެހެން ވިޔަފާރިކުރާ ފަރާތްތަކުން، އެ ފަރާތަށް އަހަރެއްގެ މައްޗަށް ފަސް ލައްކަ ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭނަމަ އެފަރާތެއް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅިދާނެ ކަމަށެވެ. އަދި، މި ފަދަ ފަރާތްތަކަށް، "ނުކުރާނަމަ އުނިކުރަމާ" ކެމްޕެއިނުގެ ދަށުން ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް އޮތް ހުރަހަކީ ނުދައްކައިވާ ޓެކުހާ ގުޅޭ ޖޫރިމަނާއެއް ކަމުގައި ވާނަމަ، އެ ޖޫރިމަނާ ވެސް މައާފުކޮށްދެވޭނެކަމަށް މީރާއިން ބުންޏެވެ.

އެ ކެމްޕެއިނުގެ ދަށުން ޖީއެސްޓީ ރަޖިސްޓްރީ އިން އުނިކުރުމަށް ބޭނުންވާ ފަރާތްތަކުން، މީރާ 106 ފޯމް މެދުވެރިކޮށް ޖީއެސްޓީ ރަޖިސްޓަރީން އުނިކުރުމަށް އެދި ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އާ ހިދުމަތްތައް އަންނަނީ ތައާރަފުކުރަމުންނެވެ.

އެގޮތުން، މީރާއިން މިހާރު ވަނީ އެ އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް، މީރާގެ އޮންލައިން ހިދުމަތްތައް ކަމުގައިވާ "މީރާކަނެކްޓް" އަދި "ވާރުޕޭ" މެދުވެރިކޮށް، ބަލައިގަތުމުގެ ހިދުމަތް ވެސް ވަނީ ތައާރަފުކޮށްފައެވެ.

comment ކޮމެންޓް