އަނބިމީހާ ރޭޕް ކުރުމުގެ ކުށް ސާބިތުވެ ޝާހު ތިން އަހަރަށް ޖަލަށް ލާން ހައިކޯޓުން ހުކުމްކޮށްފި

ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު އިއްޔެ ކޯޓުން ނެރެނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 28 ޑިސެމްބަރު 2015ގައި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް މަރުވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތުހުމަތުކުރީ، ޒިޔާދާ މަރުވީ އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހު ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އެ މައްސަލައިގައި ޝާހުގެ މައްޗަށް ޕީޖީއިން ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެ ހަތަރު މައްސަލަވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވަނީ ހުކުމްކުރައްވައިފަ އެވެ. އެ ހުކުމްތައް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އޭގެ ތެރެއިން ފިރިމީހާ އަނބިމީހާ ރޭޕްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމައި ހައިކޯޓުން ވަނީ މިއަދު ހުކުމް ކޮށްފަ އެވެ.

ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ، ޝާހު އާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނިންމުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

އަދި ކައިވެނީގެ ތެރޭގައި ހިނގާ ރޭޕަކީ ކުށެއްގެ ގޮތުގައި ކޯޓުން ބަލައިގަތުމުން އެކަމާ ވެސް ޕީޖީ ވަނީ އުފާ ފާޅުކުރައްވައިފައެވެ.

ޕީޖީ ވިދާޅުވީ ޝާހު އާ ދެކޮޅަށް މިހާރު ކުރިއަށްދާ ދެ މައްސަލަވެސް ސާބިތުވެ، އޭނާ ޖަލަށް ލެވޭނެ އުންމީދުކުރައްވާ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝާހު ޒިޔާދާއަށް އަނިޔާ ކުރީ އެ ދެމީހުން އެކުގައި ވަކިން ދިރިއުޅެމުން ދަނިކޮށެވެ. ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފަ އެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށް ވެސް ދެއްކި އެވެ. އޭނާ މަރުވީ އެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

comment ކޮމެންޓް