ސްޓެލްކޯ އެޕްއިން ބިލު ދައްކައިގެން 1،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ސަން ފޮޓޯ--

ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން 1،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން 10 ކަސްޓަމަރަކު ހޮވާނެ އެވެ.

ސްޓެލްކޯއިން ބުނީ ޕްރޮމޯޝަންގައި ބައިވެރިވާން ފައިސާ ދައްކާ ބިލަކީ އެންމެ ފަހުގެ ބިލަށް ވާން ނުޖެހޭނެ ކަމަށާއި ކުރީ މަހުގެ ބިލެއް ދައްކައިގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވަން ގުރުއަތު ނެގުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅުގަ އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަންގައި އެކުންފުނީގެ 'މިޑްލް މެނޭޖްމަންޓް'އިން މަތީގެ މުވައްޒަފުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދެއްކުމުގެ އިތުރުން ބިލަށް އަރާ މިންވަރު ހިސާބުކޮށް، ފާއިތުވެދިޔަ ހަ މަސް ދުވަހު ކަރަންޓު ބޭނުންކޮށްފައި ހުރި ގޮތް ވެސް އަމިއްލައަށް ބަލައިލެވޭނެ އެވެ. އަދި އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕްލިކޭޝަނަށް އިތުރުކޮށް، ކެޓަގަރައިޒްކުރުން ފަދަ ފީޗާތައް ވެސް މި އެޕްލިކޭޝަނުގައި ހިމެނެ އެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ކޮންމެ މަހަކުވެސް އެޕްލިކޭޝަނުން ބިލު ލިބުމުގެ އިތުރުން ބިލު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

ފައިލް ސައިޒުގެ ގޮތުން ވެސް ކުޑަ ސްޓެލްކޯ އެޕްލިކޭޝަން އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކުން ވެސް ބޭނުންކުރެވޭނެ އެވެ. ސްޓެލްކޯ އެޕްލިކޭޝަން މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.

comment ކޮމެންޓް