ހަކުރުބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް ހުޅުވައިފި

ނެޝަނަް ޑައިބެޓީސް ސެންޓަރު -- ފޮޓޯ: އައިޖީއެމްއެޗް

ހަކުރު ބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ހަކުރު ބައްޔަށް ފަރުވާ ހޯދާމީހުންގެ އަދަދު އިތުުރުވެ، އެ ބަލީގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި މިއަދު ހުޅުވި ނޭޝަނަލް ޑައިބެޓީސް ސެންޓަރު (ވަން ސްޓޮޕް ޑައިބެޓީސް ސެންޓަރު) އަކީ ހަކުރުބަލީގެ ހުރިހާ ފަރުވާއަކާއި އެމީހުންނަށް ލިބެންޖެހޭ އިންތިޒާމު ހަމަޖެހިގެންދާނެ ސެންޓަރެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެންމެ ފުރަތަމަ އެޕޮއިންޓްމެންޓަށްފަހު އެނބުރި ދިޔުމުގެ ކުރިން ރިވިއު ނުވަތަ ފޮލޯަޕް އެޕޮއިންޓްމެންޓް ހަމަޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެ ސެންޓަރުން ދޭނެ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާންކޮށްދިނުމަށް ބަލިމީހާއަށް މެސެޖު ފޮނުވުމާއި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރު ބައްޔަށް ފަރުވާ ދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި އަތޮޅުތެރޭގައި ބައްޔާބެހޭ މައުލޫމާތުދީ ސްކްރީން ކުރުމާ ހަކުރު ބައްޔާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން އެއް ވިއުގައަކުން އެހެން ރަށްތަކާ ޑައިބެޓީސް ސެންޓަރު ގުޅާލަންވެސް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް