ޖަރުމަނު، ސްވިޓްޒަލެންޑް އަދި އޮސްޓްރިއާ އަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކޮށްފި

މިއަދު ރާއްޖެ އައި ފްލައިޓުން މީހުން ފައިބަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް ގައި ބައިވެރިވެއްޖެއެވެ.

މިއީ ޖަރުމަނު، ސްވިޓްޒަލެންޑް އަދި އޮސްޓްރިއާގެ ޓްރެވެލް ޓްރޭޑަށް ހާއްސަކޮށްގެން ބޭއްވި މީޑިއާ އިވެންޓެކެވެ.

ދެ ދުވަހަށް ކުރިޔަށްގެންދިޔަ މި ވާޗުއަލް އިވެންޓުގައި އެންމެ މަތީފަންތީގެ މީޑިއާއަށް ރާއްޖެ އިޝްތިހާރުކުމުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދީފައިވެއެވެ.

މި އިވެންޓުގައި މި ތިން ގައުމުގެ މާކެޓުތަކުގައި މިލިޔަނެއްހާ މީހުނަށް ރީޗްވާ މަޖައްލާތަކާއި ނޫސް އަދި ރޭޑިއޯ ސްޓޭޝަންތަކުން ބައިވެރިވިއެވެ. މި އިވެންޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެންމެ ފަހުން ލޯންޗުކުރި ރީޑިސްކަވާ މޯލްޑިވްސްގެ ކެމްޕޭންތަކާއި މޯލްޑިވްސް ބޯޑާ މައިލްސްގެ މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

މިއީ އެމްއެމްޕީއާރުސީ އިން، ރާއްޖެ އެންމެ މަގުބޫލު އަދި ރައްކާތެރި މަންޒިލް ނުވަތަ "ސޭފް ހޭވަން" އެއްގެ ގޮތުގައި ފަތުރުވެރިންނަށް އިޝްތިހާރުކުރުމަށް ހިނގަމުންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖަރުމަނަކީ ރާއްޖެއަށް އެންމެ ކުރީއްސުރެ ވެސް ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ގައުމެކެވެ. މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމުގެ ތެރޭގައިވެސް ޖަރުމަނު ހިމެނެއެވެ. މިއަހަރު ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމުގެ ކުރިން ޖަރުމަނު ވިލާތުން 28،228 ފަތުރުވެރިން، ސްވިޒަލެންޑުން 9،170 ފަތުރުވެރިން އަދި އޮސްޓްރިއާއިން 6،197 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް