ހިޔާނާތުގެ ފައިސާ ލިބުނު މީހުން ހާމަކުރަން ހަސަން ލަތީފް ގޮވާލައިފި

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ހާމަކޮށް، އިންސާފު ގާއިމްވާންޖެހޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައި މި ވަނީ، އެ ކޮރަޕްޝަން ހިންގުމުގެ އެއް ބައިވެެރިއެއްގެ ގޮތުގައި ހިމެނޭ ކުރީ ނައިބު ރައީސް އަހްމަދު އަދީބު، އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނިކޮށެވެ. އަދީބު ވިދާޅުވެފައި ވަނީ އެ ފައިސާ ވަރަށް ގިނަ ފަރާތްތަކަށް ލިބުނު ކަމަށާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެ ފައިސާ ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިއްޔެ ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނު މީހުން ހާމަވާން ޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ޝާރީއަތްކޮށް އިންސާފު ގާއިމްކުރަން ޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"އެކަން ނުކުރާހާ ހިނދަލު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ. އެ ބަދުނާމު އެޅޭކަށް ގައިމުވެސް އެމްޑީޕީން ބޭނުން ނުވާނެ،" ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

އިއްޔެ އަދީބު ވަނީ އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވެފަ އެވެ. އޭނާ ވިދާޅުވީ، އެއީ މިދިޔަ ސަރުކާރުން އިންތިޒާމްވެގެން ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި އެފައިސާ ހޯދުމަށާއި ތަހުގީގަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށްވެސް އަދީބު ވިދާޅުވެފައިވެ އެވެ. އޭގެ އިތުން މިހާރު މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުން އެ ފައިސާ ހޯދޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި، ހިޔާނާތުގެ ފައިސާ އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ މަޖިލިސް މެމްބަރުން އަދި ސިޔާސީ ވަރަށް ގިނަ ކަންކަމަށް ހަރަދު ކުރި އެވެ.

"މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް، މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވޭ. މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.

އަދީބު ވަނީ އިއްޔެ އެ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންގެ އަރިހުން މައާފަށްވެސް އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް ޖަލުގައި އޮވެ ތައުބާވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް