އާ ޕިކްސެލް ދައްކާލައިފި، މިފަހަރު އަގުހެޔޮވާނެ

ގޫގަލްގެ އާ ޕިކްސެލް ލައިންއަޕްގެ ފޯނުތައް ކަމަށްވާ ޕިކްސެލް 5 އަދި ޕިކްސެލް 4އޭ --- ފޮޓޯ : ގޫގަލް

އަގުތަކަށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހު ގޫގަލްގެ "ޕިކްސެލް" ސީރީޒްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ "ޕިކްސެލް 5" އާއި "ޕިކްސެލް 4އޭ" ދައްކާލައިފި އެވެ.

ގޫގަލް އިން ކޮންމެ އަހަރަކު ނެރެމުން އަންނަ ޕިކްސެލް ސީރީޒްގެ ފޯނުތަކުގެ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ އަގުބޮޑު ފްލެގްޝިޕް ފޯނުތަކާ އެއް އަގެއްގައި އެ ފޯނުތައް ވާދަކުރަން އުޅުމެވެ. އެހެން ނަމަވެސް ހާޑްވެއާ އާއި އަގާ ދިމާ ނުވާ މައްސަލައާ ގުޅިގެން ގޫގަލް އަށް ދަނީ ކޮންމެ އަހަރަކު ބޮޑެތި ފާޑުކިޔުން ކުރިމަތިވަމުންނެވެ. އެއާ ގުޅިގެން ގޫގަލް އިން ޕިކްސެލް ފޯނުތަކުގެ ފޯމިއުލާ ބަދަލުކޮށް އަގުތައް ވަނީ ހާޑްވެއާ އާ ގުޅުވާލާފަ އެވެ.

ޕިކްސެލް ސީރީޒްގެ އާ ޕިކްސެލް 5ގެ އަގަކީ 699 ޑޮލަރަށެވެ. އަދި ޕިކްސެލް 4އޭ ނެރުމަށް ހަމަޖެހިފައިވާ އަގަކީ 499 ޑޮލަރެވެ.

ޕިކްސެލް 5 ---

ދެ ފޯނުތަކުގެ ތެރެއިން އާ ނަމްބަރު ފޯނަކީ ޕިކްސެލް 5 އެވެ. އެ ފޯނަށް ބަލާއިރު މިއަހަރު ބޭނުންކޮށްފައިވަނީ ގިނަ ބަޔަކު އެދެމުންދާ ހިދުމަތްތަކެވެ. އެގޮތުން ގިނަ ބަޔަކު އެ ފޯނުގައި "އަލްޓްރާ ވައިޑް" ކެމެރާއެއް ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. ގޫގަލް އިން ވަނީ އާ ފޯނުގައި އަލްޓްރާ ވައިޑް ކެމެރާއެއް ބޭނުންކޮށްފަ އެވެ.

ސްނެޕްޑްރެގަން 765ޖީ ޗިޕްސެޓެއް އެ ފޯނުގައި ބޭނުންކުރާއިރު އެއީ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތަކުގައި ބޭނުންކުރާ ޗިޕްސެޓްއަށްވުރެ ތަންކޮޅެއް ބާރު ދެރަ ޗިޕެކެވެ. އަދި ޖުމްލަ އަށް ޖީބީ ރެމް އެއް އެފޯނުގައި ހިމެނޭއިރު އެ ފޯނުގައި އިތުރު ހާއްސަ ފީޗާއެއް ހިމެނެއެވެ.

ޕިކްސެލް 5 --

ޕިކްސެލް 5 އަކީ އެއްކޮށް އެލުމިނިއަމް އިން ހަދާފައިވާ ފޯނެކެވެ. މިއީ ފަހުގެ ތާރީހެއްގައި އަލަށް ގެނައި ބަދަލެކެވެ. ފޯނުތަކުގެ ފަހަތް ބިއްލޫރިން ހަދާފައި ހުންނަނީ ވަޔާލެސް ޗާޖު ކުރުމުގެ ހިދުމަތް ބޭނުންކުރެވޭނީ ބިއްލޫރި ނުވަތަ ޕްލާސްޓިކް ތެރެއިން ވާތީ އެވެ. އެހެންނަމަވެސް ގޫގަލް އިން ވަނީ އެލުމިނިއަމް ތެރެއިންވެސް ވަޔާލެސްކޮށް ފޯނު ޗާޖު ކުރެވޭ ކަހަލަ ޓެކްނޮލޮޖީއެއް ތައާރަފުކޮށްފަ އެވެ. އެއީ ފަހަރުގައި އެފަދަ ޓެކްނޮލޮޖީއެއް ގާއިމުކުރި ފުރަތަމަ ސްމާޓްފޯނެވެ. އޭގެ ސަބަބުން ފަސޭހައިން ތަޅައިގެން ނުދާ ފޯނުތައް އުފެއްދުމަށް އިތުރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

ގޫގަލް އިން ބުނެފައިވަނީ ޕިކްސެލްގެ އާ ދެ ފޯނުވެސް މި މަހުގެ 29 ގައި ރިލީޒްކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ ފޯނުތައް އެންމެ ފުރަތަމަ ރިލީޒްކުރާނީ އެމެރިކާއަށް އެކަނި ކަމަށް އެ ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް