އެކަކު ފިޔަވައި ހޯނޑެއްދޫން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ގދ. ހޯނޑެއްދޫ --

ގދ. ހޯނޑެއްދޫން ކޮވިޑް19 އަށް ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން، 44 މީހަކު ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

އެރަށުން އެންމެ ފަހުން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާއަކީ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެގެން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެކެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން ރޭ ބުނީ، އެރަށުން ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 44 މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށާއި އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ހުރީ އެންމެ މީހެއް ކަމަށެވެ.

އެރަށުން ބައްޔަށް ޕޮޒިޓިވްވެގެން ގއ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެމީހުން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުން 462 ސާމްޕަލް އެއް ކޮވިޑް19 އަށް ޓެސްޓުކުރިއެވެ. މިހާތަނަށް 343 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު، 74 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައި ވަނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

އެރަށަށް ބަލި ފެތުރުނު ގޮތް ހޯދަން ތަހުގީގެއް ކުރި އިރު، ހެލްތު އެމަޖެންސީ އޮޕަރޭޝާން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށުގެ ކޮވިޑް ކޭސްތަކުގެ އަސްލަކީ އެންމެ ސޯސްއެއް ކަމަށާއި އެ ރަށުގައި ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނާ ހިލާފުވި ކަމުގެ ހެއްކެތް ނެތް ކަމަށެވެ.

comment ކޮމެންޓް