ބެލަރޫސްގެ ރައީސްއާއި އިސް އޮފިޝަލުންނަށް ޔޫކޭއާއި ކެެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ބެލަރޫސްގެ ރައީސް އެލެކްޒެންޑްރާ ލުކެޝެންކޯ--

ބެލަރޫސްގެ ރައީސް އެލެކްޒެންޑްރާ ލުކެޝެންކޯއާއި އެގައުމުގެ އިސް އޮފިޝަލުންނަށް ޔޫކޭއާއި ކެެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ދާދި ފަހުން ބެލަރޫސްގައި ބޭއްވި އިންތިހާބްގައި މަކަރު ހަދައި އޮޅުވާލައިފަިއވާ ކަމަށް ޔޫކޭ، ކެނެޑާ އަދި ގިނަ ހުޅަނގުގެ ގައުމުތަކުން ދަނީ ބުނަމުންނެވެ.

މިއީ އިނގިރޭސިވިލާތުން މިދިޔަ ޖުލައި މަހު ތައަރަފްކުރި ނިއު ގްލޯބަލް ހިއުމަން ޜައިޓްސް އެކްޝަން ޕްރޮގްރާމްގެ ދަށުން ފިޔަވަޅު އެޅި ފުރަތަަމަ ގައުމެއްގެ އިސްވެރިޔާ އެވެ.

އިނގިރޭސިވިލާތާއި ކެނެޑާއިން މިހާރު ވަނީ ލުކެޝެންކޯއާއި ބެލަރޫސްގެ ސީނިއާ އޮފިޝަލުންގެ އެސެޓްތައް ފްރީޒްކޮށް އެ ބޭފުޅުން އެގައުމުތަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

އިނގިރޭސިވިލާތުން ބުނީ މިއީ ބެލަރޫސްގައި ޑިމޮކްރަސީ ދެމެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.

އިނގިރޭސިވިލާތާއި ކެނެޑާގެ އިތުރުން އީޔޫއިން ވެސް މިހާރު ދަނީ ބެލަރޫސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ.

ބެލަރޫސްގެ އިންތިހާބްގައި މަކަރުހަދާފައިވާ ކަމަށް ބުނެ އެގައުމުގެ އެތައް ހާސް ބަޔަކު ދަނީ މުޒަހަރާ ވެސް ކުރަމުންނެވެ. މުޒަހަރާތަކާ ގުޅިގެން މިހާތަނަށް ވަނީ 12،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް