ގައިޑްލައިނާ އެއްގޮތް ކަމަށް ބުނާ ފޭކް ސްޓިކާ ޖަހާ މައްސަލަތަކެއް

ޑރ. ނަޒްލާ -- ފައިލް ފޮޓޯ/ އެންއޯއީސީ

އާންމު ހިދުމަތްދޭ ބައެއް ތަންތަނުން، އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތްދޭ ތަންތަން ކަމަށް ބުނެ އަމިއްލައަށް ސްޓިކާ ހަދައިގެން ތަތްކުރާކަން ފާހަގަވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އާންމު ހިދުމަތްދޭ ތަންތަނުން އުސޫލުތަކަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށް މާސް އިންސްޕެކްޝަނެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު އިންސްޕެކްޝަންގެ ހަތަރު ވަނަ ބުރު ވަނީ ފަށައިފައެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިންސްޕެކްޝަނަށް ދާއިރު ބައެއް ފަރާތްތަކުން، ކަމާބެހޭ ފަރާތްތަކުން އިންސްޕެކްޓް ކުރުމަށްފަހު ގައިޑްލައިން އާ އެއްގޮތަށް ހުރި ކަމަށް ފާހަގަކުރެވޭ ތަންތަނަށް ދޭ ސްޓިކާ، އަމިއްލައަށް ތައްޔާރުކޮށްގެން އިންސްޕެކްޓް ނުކުރަނީސް ތަތްކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިންސްޕެކްޓު ކުރެވޭ ތަންތަނުގެ ޑީޓެއިލްސް ބަލަހައްޓަމުން މި ދަނީ. އެހެންވީމަ ސްޓިކާ ދިން ތަންތަނާ އިންސްޕެކްޓް ކުރެވުނު ތަންތަނުގެ ޑީޓެއިލްސް އަޅުގަނޑުމެންގެ އަތުގައި ހުންނާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިންސްޕެކްޓު ނުކުރާ ދެ ތަނެއްގައި އަމިއްލައަށް ސްޓިކާ ތައްޔާރުކޮށް ހަރުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

"އެހެންވީމަ އެތަންތަނުގައި ހަގީގަތުގައި ހަމަ ގައިޑްލައިންއާ އެއްގޮތަށް ހުރި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެބަ ޖެހޭ ފިޔަވަޅު އަޅަން. އަޅުގަނޑުމެން ދޫނުކުރާ ލިޔުމެއް އެބޭފުޅުން އެގޮތަށް ބޭނުންކުރެއްވީތީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސްޕެކްޓު ކުރަން ކަމާބެހޭ ފަރާތްތަކުން ދާއިރު، ގައިޑްލައިނާ އެއްގޮތަށް ކަންކަން ހުރި ނަމަވެސް، އިންސްޕެކްޝަން ނިމި ސްޓިކާ ލިބުމާއެކު ގައިޑްލައިންގެ އުސޫލުތައް މަޑުމަޑުން ދޫކޮށްލެވޭކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގައިޑްލައިންތައް ހަދާފައި ވަނީ ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ވާއިރު، އެ އުސޫލުތައް ދަމަހައްޓަންވީ ހަމައެކަނި އިންސްޕެކްޓް ކުރާ ވަގުތު ނޫންކަން ވެސް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.

އެޗްޕީއޭއިން ވަނީ އުސޫލުތަކާ ހިލާފުވާ ތަންތަން ޖޫރިމަނާކުރެވޭ ގޮތަށް، ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން އުސޫލާ ހިލާފަށް ހިދުމަތް ދޭ ކަން އެނގިއްޖެ ނަމަ ފުރަތަމަ ފަހަރު އެ ތަނެއް 48 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ދެވަނަ ފަހަރަށް އެފަަދަ ކަމެއް ހިނގައިފި ނަމަ އެތަން ބަންދުކުރުމަށްފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެތަނެއް ބަންދު ކުރާނީ ތިން ދުވަހުގެ މުއްދަތަށެވެ.

ތަކުރާރުކޮށް އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ އެތަން ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ލޮކްޑައުންއަށް ލުއިދިން ފަހުން އެޗްޕީއޭއިން ހިންގި މާސް ފުރަތަމަ އިންސްޕެކްޝަނުގައި މާލޭ ސަރަހައްދުން ޖުމުލަ 258 ތަނެއް ބަންދުކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އާންމު ހިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

comment ކޮމެންޓް