ބީއެމްއެލްގެ ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުންނަށް ދެ ދިވެހިން ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރު އަދި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ދެ ދިވެހިން ހަމަޖައްސައިފި އެވެ.

ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މޫސާ ނިމާލް އެވެ. އަދި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ އަހުމަދު އަސީފް އެވެ.

ބީއެމްއެލްއިން ބުނީ މި ދެ ބޭފުޅުންނަކީ ވެސް މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ދެ ބޭފުޅުން ކަމަށެވެ.

ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރަށް ހަމަޖެއްސި ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ނިމާލް ވަނީ ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމާ ސާވިސަސް, އިންޓަނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި މަސައްކަތް ކުރައްވާފައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫއުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. މި މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިން މަގާމުގަ އެވެ.

ބީއެމްއެލްއިން ބުނީ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ހަމަޖެއްސި އަސީފްއަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކާއެއް ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރުގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރުގެ ތެރޭގައި އަސީފް ވަނީ ކޯޕަރޭޓް ބޭންކިން ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ކޯޕަރޭޓް ކަސްޓަމާ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މި މަގާމަށް އައްޔަން ކުރުމުގެ ކުރިން އަސީފް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމުގަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މި ދެ ބޭފުޅުން މި މަގާމުތަކަށް އައްޔަން ކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ބޭންކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި ދެބޭފުޅުންނަކީ ވެސް ބޭންކިން ދާއިރާގައި ތަޖުރިބާ ހުންނެވި ދެ ބޭފުޅުން ކަމުން، މި ދާއިރާތަކުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ޓިމް ވިދާޅުވި އެވެ.

"ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިންއަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމާ މެދު އަޅުގަނޑަށް އިތުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން." ޓީމް ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ. އެގޮތުން ބީއެމްއެލްގެ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލްއިން ބުނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނު ކުރުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި އެ ބޭންކުން އަމަލުކުރަމުންދަނީ އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައިގެން ކަމަށެވެ.

comment ކޮމެންޓް