ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމުން އެއް ބުރިޖު ހުޅުވާލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާންމު ފަރާތްތަކުން ދިރިއުޅެން ފަށާފައިވުމާ ގުޅިގެން، މާދަމާއިން ފެށިގެން ނިރޮޅު މަގާއި ގުޅިފައިވާ ބުރިޖުން ދެވަނަ ފިޔަވައްސަށް ފަސޭހަކަމާއެކު އަރައިފޭބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެވަނަ ފިޔަވަހީގައި ދިރިއުޅެން ފެށި ފަރާތްތަކަށް އެ ސަރަހައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޮކްޓޫބަރު އެކެއް ވާ ބުރާސްފަތި ދުވަހުން ފެށިގެން، ނިރޮޅު މަގާއި ގުޅިފައިވާ ބުރިޖުން ދެވަނަ ފިޔަވައްސަށް ފަސޭހަކަމާއެކު އަރައިފޭބޭނެ ކަމަށެވެ.

އެގޮތަށް ހަމަޖެހުނުކަމުގައި ވިޔަސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެ ކޯޕަރޭޝަންގެ ހުއްދަ ނެތި އާންމު ފަރާތްތަކުން ވަދެ ނުކުމެ އުޅުމާއި އަރައިފޭބުމަކީ މަނާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް