މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިމާޔަތް ކުރެވިއްޖެ: މިނިސްޓަރު

ރާއްޖޭގައި މިހާތަނަށް ޖުމްލަ 71 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ ހަ ޕަސެންޓު އަދި މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހިމާޔަތްކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޖެނެރަލް އެސެމްބްލީގެ ބަޔޯޑައިވާސިޓީ ސަމިޓްގެ ހަވާސާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޮންލައިންކޮށް މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަނޑަކީ ދިވެހިންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާވެފައިވާ ތަނެއްކަމާށާއި، ނަމަވެސް އައިޕީބީއީއެސްގެ ރިޕޯޓާއި އެހެނިހެން ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށެވެ.

އަދި ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ކަނޑުގެ ރޯދި ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނީ އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 ޕަސެންޓު ހިމާޔަތްކޮށްގެން ކަމަށާއި އެހެންކަމުން "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ" އިން 2021ން 2030އަށް ކަނޑައަޅާ ބައިނަލްއަގްވާމީ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑުގެ 30 ޕަސެންޓު ހިމާޔަތްކުރުމަށް ލަނޑުދަނޑިއެއް ފާސްކުރުމަށް ރާއްޖެއިން ގައުމުތަކަށް ގޮވާލާކަމަށް ވިދާޅުވިއެވެ.

އެގޮތުން މިކަމަށް އިތުރަށް ތާއީދު ހޯދުމަށްޓަކާ ރާއްޖެއިން މިހާރު "ގްލޯބަލް އޯޝަން އެލަޔަންސް" އާ ގުޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމުތަކުގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައިވާ ކަނޑުގެ ސަރަހައްދުތަކުގެ ދިރޭތަކެތަކެއްޗާއި ގުޅޭގޮތުން މިހާރު އދ ގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އިގްތިސޯދީ ސަހަރައްދުން ބޭރުގެ ސަރަހައްދުތައް ހިމާޔަތްކުރުމަށްވެސް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި 2023 ވަނަ އަހަރަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި، އެއް ފަރާއިި، އެއް ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފާއިތުވި ދޮޅުއަހަރުގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން ހަތް އަތޮޅުގައި އެ އަމާޒު ހާސިލުކޮށްފައިވާކަމަށާއި އަދި ބާކީ ހުރި އަތޮޅުތަކުގައިވެސް އެކަންތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ފަރުގެ 10 ޕަސެންޓު އަދި މެންގްރޫވްސްގެ 20 ޕަސެންޓު 2025 ވަނަ އަހަރު އަންނަން ވާއިރަށް ހިމާޔަތްކުރަން ހިމަނާފައިވާނެކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމްލަ 17 ސަރަހައްދު ހިމާޔަތްކޮށްފައިވާއިރު ރާއްޖޭގެ ފަރުތަކުގެ ހަ ޕަސެންޓު އަދި މެންގްރޫވްސްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މިހާރު ހިމާޔަތްކުރެވިފައިވާ ކަމަށެވެ.

އަދި މިހާރުގެ އެންމެ ބޮޑު އަމާޒަކީ މިހާތަނަށް ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރުން އިތުރަށް ހަރުދަނާކުރުންކަމަށާއި އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިންމު ބޭނުން ހާސިލުވާނީ އޭރުންކަމަށެވެ.

އަދި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ތައްޔާރުކަމަށާއި އެހެންކަމުން ކަނޑުތަކުގެ 30 ޕަސެންޓު ރައްކާތެރިކުރުމަށް މިނިސްޓަރު ވަނީ ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ކޮންފަރެންސް ސީރީސް ކަމަށްވާ އަވާ އޯޝަންސް، ޔޫއެން އޯޝަން ކޮންފަރެންސް އަދި ވޯލްޑް އޯޝަން ސަމިޓް ބާއްވާ ގައުމުތަކުން ގުޅިގެން އދ ގެ 75 ވަނަ އާންމު ބައްދަލުވުމުގެ "ބަޔޯޑައިވާސިޓީ ސަމިޓް"ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެކެވެ.

މިއީ ދިރޭތަކެއްޗާއި ތިމާވެށި ހިމާޔަތްކުރުމާއި އާންމު ދިރިއުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާ ވާ ގުޅުމުގެ މައްޗަށް ބަލައި، ގައުމުތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއެޅުމަށް ބޭއްވި ބައްދަލުވުމެކެވެ.

comment ކޮމެންޓް