ކޮމަންވެލްތު ޔޫތު އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ނޮވެމްބަރ 26، 2017: ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމަންވެލްތުގެ ޔޫތު އެވޯޑް 2021 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެވޯޑަށް ބައިވެރިން ހޮވުމުގައި އިންސާފުކުރުމަށް ހަމަޖެހިފައި ވަނީ ގައުމުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އެ މީހެއްގެ ފަންނީ ގާބިލުކަން ބޭނުންކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ކަމަށެވެ.

އެފްރިކާ، އޭޝިއާ، ކެރީބިއަން، ޔޫރަޕް އަދި ކެނެޑާ އަދި ޕެސިފިކް
ސަރަހައްދުތަކުގެ ކޮމަންވެލްތް މެމްބަރު 54 ގައުމުގެ ޒުވާނުންނަށް އެ އެވޯޑަށް ކުރިމަތިލެވޭނެ އެވެ.

އެވޯޑަށް ކުރިމަތިލެވޭނީ ކޮމަންވެލްތް މެމްބަރު ގައުމެއްގެ އުމުރުން 15 އަހަރާއި 29 އަހަރުގެ ރައްޔިތުންނަށެވެ. އަދި ތަރައްގީގެ އެކި މަސައްކަތްތަކުގައި މަދުވެގެން 12 މަސް ދުވަސް ވަންދެން ވޮލަންޓިއާކޮށް ނުވަތަ ފަންނީ ބޭފުޅެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ކޮންމެވެސް އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

އެ އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް 21 އޮކްޓޫބަރުގެ 23:59 (ޖީއެމްޓީ)ގެ ކުރިން އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް