ހިޔާނާތާ ގުޅޭ ހަތް ދައުވާއަށް އަދީބު ކޯޓުގައި އިއުތިރާފްވެއްޖެ

ހައި ކޯޓުގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ---

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދުގެ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެއްޖެ އެވެ.

މި މައްސަލަތަކުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު އަލުން ފަށާފައި މި ވަނީ، އެ މައްސަލަތައް ކުރިމިނަލް ކޯޓުން މީގެ ކުރިން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ނިންމައި އެ މައްސަލަތައް ކުރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރުމުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާތަކާއި އަދަބު އިއްވަން ދޮޅުގަޑިއިރު ހޭދަަވި އެވެ. އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމު ދަށުން އޭނާއަށް އަންނާނީ ޖުމްލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ޖަވާބުދާރީވާން ގާޒީ ހަސަން ސައީދު އަދީބަށް ފުރުސަތު ދެއްވުމުން މުޅި މައްސަލަ ކިޔައިދެއްވަން ބޭނުންފުޅުވާ ކަމަށް އަދީބު ވިދާޅުވި އެވެ. އެ ފުރުސަތު ގާޒީ ދެއްވި އެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ކުރިންވެސް އަދިވެސް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އޭނާ ކުރައްވާ ގައުމީ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ މި ސަރުކާރަށް ތައުރީފުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދުމުގެ ނިޔަތެއް ނެތެވެ. ނަމަވެސް، މި ސަރުކާރުން އެކަން ކުރަމުން ދަނީ ހެޔޮ ނިޔަތެއްގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ދައުލަތަށް އެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދޭނެ ކަމަށާއި އެއީ ދައުލަތުން އިހުލާސްތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުގެ އެންމެ އަޑީގައި ހުރީ ކުރިގެ ރައީސް ޔާމީން އަބްދުލްގައްޔޫމެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެ ހިޔާނާތުގެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ކުރެއްވީ ދައުލަތުގެ އެކި ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާށެވެ. ހުރިހާ ކަމެއް ކުރެއްވީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން އެމަނިކުފާނު އެންގެވި ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ހިޔާނާތާ ގުޅިގެން ޖަލުގައި ހަތަރު އަހަރާއި ފަސް އަހަރު ދެމެދުގެ މުއްދަތެއްގައި މިހާރުވެސް އެކި އަދަބުތަކުގައި ހޭދަކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށްވެސް މިއަދު އަދީބު ވިދާޅުވި އެވެ.

ދައުލަތުން ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފްވާ ކަމަށް އަދީބު ވިދާޅުވި އެވެ. ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަން ފާހަގަ ކުރަމުން އަދީބު ވަނީ އޭނާއަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އަދީބުގެ ވާހަކަތަކާ ގުޅިގެން ގާޒީ އަދީބުގެ ކިބައިން އެެއްސެވީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އެވެ. އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ. ދެން ގާޒީ އެއްސެވީ އެއްބަސްވުން ހެދިއިރު ހުރީ ހަމަ ބުއްދީގައި ތޯ އެވެ. އެ ސުވާލާ ގުޅިގެން އަދީބު ވިދާޅުވީ އެއްބަސްވުން ހެދީ ހަމަ ބުއްދީގައި ހުރެ ހެޔޮ ނިޔަތުގައި ކަމަށެވެ.

ދައުލަތާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަދީބު ދައުވާތަކަށް އިއުތިރާފުވުމުން، ގާޒީ މިއަދު މަސައްކަތް ކުރެއްވީ މިއަދު ދެ ފަރާތުން އިއުތިރާޒު ނުކުރާ ނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމައި ހުކުމް ކުރާށެވެ. އެކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރި އެވެ.

ނަމަވެސް، އަދީބުގެ ފަރާތުން ބޭނުންވީ އަދި އިތުރު ފަސް ދުވަސް ދިނުމަށެވެ. އެއީ ދައުލަތާއެކު މަޝްވަރާކޮށްގެން މިހާރަށްވުރެ ކުޑަކޮށް އަދަބެއް ލިބޭތޯ އެވެ. އަދީބުގެ ފަރާތުން ބުނީ އެގޮތަށް މަޝްވަރާ ކުރުމަށާއި، އިތުރު ފަސް ދުވަސް ދިނުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ގާޒީ ނިންމެވީ، އަދީބުގެ ފަރާތުން އިއުތިރާޒު ކުރެެއްވުމުން އަންނަ ހޯމަ ދުވަހު އަވަސް ނިޔާއިން މައްސަލަ ނިންމުމަށް ތާވަލު ކުރުމަށެވެ.

comment ކޮމެންޓް