ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި

ރައީސް ސޯލިހު

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީޖަނަލް އެއާޕޯޓުތައް ތަރައްގީކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރަމުންދާއިރު ވެލަނާ އިންޓަނެޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި 16 އެއާޕޯޓު މހާރު އެބައޮތެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓުތަކަކީ އަމިއްލަ ކުންފުނިތަކުން ހިންގާ އެއާޕޯޓުތަކެވެ. އައިލެންޑް އޭވިއޭޝަނުން ބައެއް އެއާޕޯޓުތައް ހިންގާއިރު ރީޖނަލް އެއާޕޯޓްސްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް އެއާޕޯޓުތައް މެނޭޖުކުރެ އެވެ.

ރީޖަނަލް އެއާޕޯޓުތައް މެނޭޖު ކުރުމަށް ކުންފުންޏެއް އުފެއްދެވީ ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ އެއާޕޯޓުތައް ހިންގަމުން ގެންދާ އެއާޕޯޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގަން ޖެހޭކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް އެ ކުންފުނި އުފައްދަވާ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ކުންފުނިތަކާ ބެހޭ ގާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން މިއަދު އުފެއްދެވި ކުންފުންޏަކީ 100 ޕަސެންޓްް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުލް މާލަކީ 10 ރުފިޔާއެވެ. 200 މިލިއަން ހިއްސާގެ މި ކުންފުނީގެ ރައުސުލްމާލަކީ ދެ ބިލިއަން ރުފިޔާ އެވެ.

އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކަ އެއް އޮންނަ ގާނޫނީ ޝަހުސެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގައި ޖުމްލަ 16 އެއާޕޯޓެއް މިވަގުތު އޮޕަރޭޓުކުރަމުން އަންނަ އިރު، ރީޖަނަލް އެއާޕޯޓްސްއިން މެނޭޖުކުރަމުން އައީ ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. ކާޑެއްދޫ އަދި މާވާރުލުގެ އިތުރުން ފުވައްމުލަކު އެއާޕޯޓެވެ. ނ. މާފަރު، ރ. އިފުރު، ބ. ދަރަވަންދޫ އަދި ތ. ތިމަރަފުސި އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝާނުންނެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓު ހިންގަމުން އަންނަނީ ދާލު އެއާޕޯޓް ހޯލްޑިންގްސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އދ. މާމިގިލީ އެއާޕޯޓަކީވެސް އަމިއްލަ ކުންފުންޏެއް ކަމުގައިވާ ވިލާ އެއާއިން ހިންގާ އެއާޕޯޓެކެވެ. އަދި ގއ. ކޫއްޑޫ އެއާޕޯޓުވެސް ހިންގަނީ ޕްރިސްޓީން އައިލެންޑް އިންވެސްޓްމެންޓް ކިޔާ އަމިއްލަ ކުންފުންޏެކެވެ.

ލ. ކައްދޫގައި ހިންގާ އެއާޕޯޓު ހިންގުމަށް ސަރުކާރުން އޮންނަނީ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏެއް އުފައްދާފައެވެ. އަދި އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުވެސް ހިންގަނީ ސަރުކާރާއި އަމިއްލަ ފަރާތަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. ރާއްޖޭގެ މައި ވައިގެ ބަންދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.

comment ކޮމެންޓް