ބާބުރީ މިސްކިތް ތަޅާލުމުގައި އުޅުނު ބީޖޭޕީގެ ލީޑަރުން ކުށްވެރިނުވާކަމަށް ނިންމައިފި

ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބާބުރީ މިސްކިތް ތަޅާލުމުގައި ހަރަކާތްތެރިވި ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރުން ހިމެނޭ ގޮތުން އެކަމުގައި ދައުވާ ކުރި 32 މީހުން ކުށްވެރިނުވާކަމަށް އެ ގައުމުގެ ކޯޓަކުން ނިންމައިފި އެވެ.

އެތައް އަހަރުތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށް ފަހު އިންޑިއާގެ ލަކްނޯގެ ހާއްސަ ކޯޓަކުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމް އިއްވައިފަ އެވެ. އެގޮތުން އެ މައްސަލައިގައި އިއްވި ހުކުމުގައި ބުނީ އެކަމުގައި އުޅުނު 32 މީހުުން ކުށްވެރިނުވާކަމަށެވެ.

އޭގެ ތެރޭގައި ބިޖޭޕީގެ ކުރީގެ އިސްފަރާތްތައް ކަމަށްވާ އެލް.ކޭ އަދުވާނީ އަދި މުރުލީ މަނޯހަރު ޖޯޝީ ހިމެނެ އެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ފަނޑިޔާރު ވަނީ އެ މައްސަލައިގައި ދައުވާ ލިބޭ 32 މީހުންވެސް މިއަދުގެ ޝަރީއަތަށް ހާޒިރުވުމަށް އަންގައިފަ އެވެ.

ނަމަވެސް އެލް.ކޭ އަދުވާނީ ފަދަ ބޭފުޅުން ޝަރީއަތަށް މިއަދު ހާޒިރުވިކަމަށް ނުބެލެވޭކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

ބާބްރީ މިސްކިތް ތަޅާލިއިރު އެތާ ކައިރީގައި ބީޖޭޕީގެ އިސް ފަރާތްތައް--

އެލް.ކޭ އަދުވާނީ އަދި މުރުލީ މަނޯހަރު ޖޯޝީ ވިދާޅުވީ ކޯޓުގެ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ބާބުރީ މިސްކިތް ތަޅާލައިފައިވަނީ 1992 ވަަނަ އަހަރު އެވެ. އެހާދިސާ ހިނގިއިރު އަދުވާނީ އާއި ބީޖޭޕީ އިސް ފަރާތްތަކުން އެ މިސްކިތް ކައިރީގައި ތިބިއިރު މިސްކިތް ތަޅާލަން ހިތްވަރުދޭތަން ފެނެ އެވެ.

މިސްކިތް ތަޅާލުމަށް ފަހު އެ މިސްކިތް ހުރި ބިމުގައި ރާމް މަންދިރުގެ ނަމުގައި ފައްޅިއެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައި ބިންގާވެސް އަޅައިފަ އެވެ. އެ ބިންގާ އަޅުއްވައި ދެއްވީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ހަރުކަށި ހިންދޫން އެ މިސްކިތް ތަޅާލައިފައިވަނީ އެތަނަކީ ހިންދޫންގެ ރާމް ކަލާންގެ އުފަންވިތަން ކަމަށް ބުނެ އެވެ. -- ދަހިންދޫ

comment ކޮމެންޓް