އެންމެންވެސް މިހާރު ބޭނުމީ 'ތްރިފްޓް' ހެދުން!

ފިރިހެނެއް އޭނާގެ އަލަމާރިތެރެ ތަރުތީބުކުރަނީ ---

ދުނިޔޭގައި ފެތުރިފައި މިވާ ބޮޑު ބަލިމަޑުކަމާ އެކު، އާ ކަންތައްތަކެއް މިދަނީ އަހަރެމެންގެ ތެރެއަށް ތައާރަފްވެ ކުރިއަރަމުންނެވެ. އެއްބަޔަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ އާ ގޮތްތަކެއް ހޯދަން މަޖުބޫރުވިއިރު، ގޭގައި ތިބެން ޖެހުމުން ލިބުނު ފޫހިކަމާއި އެކު އާ ކަންތައްތަކެއް ގިނަ ބަޔަކު ތަޖުރިބާ ކުރަން ފަށައިފި އެވެ. މިގޮތުން، މިފަހަކަށް އައިސް އެންމެ ޓްރެންޑިން އެއް ކަމަކަށް ވެފައި މިވަނީ 'ތްރިފްޓް' ކުރުމެވެ.

ތްރިފްޓް ކުރުން ނުވަތަ އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި ހެޔޮ އަގެއްގައި އެހެން މީހުންނަށް ވިއްކުމަކީ މިފަހަކުން ތައާރަފްވި ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިއީ އާންމު ކަމެކެވެ. ރާއްޖޭގައި މަޑުމަޑުން މިކަން ކުރިއަރަމުން އައިއިރު، ކޮވިޑް-19 އާ އެކު ތްރިފްޓް ކުރުން މިވަނީ ވަރަށް ބޮޑަށް ވެސް މަގުބޫލު ވެފަ އެވެ.

އިންސްޓަގްރާމްގައި ހިންގަމުން އަންނަ އޮންލައިން ވިޔަފާރިތައް އެއްތަނަކުން ފެންނަން ހުރި އަވަސް މޯލް ޕޭޖުން ބުނާގޮތުގައި އެ ޕޭޖުގައި މިވަގުތުވެސް 37 އޮންލައިން ޕޭޖެއް ފީޗާކޮށްފައިވެ އެވެ. އެހެންކަމުން ޕޭޖުގައި ރެޖިސްޓްރީ ނުކުރާ ޕޭޖުތަކާއި އެހެނިހެން ޕްލެޓްފޯމުގައި ހިންގަމުން އަންނަ ޕޭޖުތަކަށް ބަލައި މި އަދަދު 50 އިން މަތި ވާނެ ކަމަށް ބެލެވެ އެވެ. އަދި އަމިއްލަ އެކައުންޓްތަކުން ވެސް ތްރިފްޓް އައިޓަމްތައް ވިއްކަމުން އަންނަ މީހުން މަދެއް ނޫނެވެ.

އަދި ވައިބާ ކޮމިއުނިޓީތަކުގެ ތެރެއިން އެއްވެސް އަގަކާ ނުލާ ހިލޭ އެއްޗެހިދޭ ގިވްއަވޭސް ޕޭޖަކާއި އަދި 4،000 ވުރެ ގިނަ މެންބަރުން ހިމެނޭ 'ޔޫސްޑް އައިޓަމްސް ފޯ ސޭލް' ކޮމިއުނިޓީއެއްވެސް އޮވެ އެވެ.

ކުރިން ވާހަކަދެއްކި އަވަސްމޯލް އިން އިތުރަށް ބުނި ގޮތުގައި، ފާއިތުވި ދެ އަހަރު ވެސް ތްރިފްޓް ސްޓުގެ ގޮތުގައި ރެޖިސްޓްރީކުރީ ޖުމްލަ ދެ ޕޭޖެވެ. ނަމަވެސް މިއަހަރުން ފެށިގެން މި ނަންބަރު އިތުރުވަމުންގޮސް، އޮގަސްޓް މަހު އެކަނި ވެސް 17 އޮންލައިން ޕޭޖަކުން އަވަސް މޯލްގައި ވަނީ ތްރިފްޓް ސްޓޯގޮތުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

ތްރިފްޓް ހެދުން ވިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި އެއް ޕޭޖު ކަމުގައިވާ 'ޕްރީލަވްޑް މޯލްޑިވްސް' އިން ބުނާގޮތުން މި މަސައްކަތް ފެށުނީ އެނާ ކިޔަވަން ރާއްޖެއިން ބޭރުގައި ހުރެ އުފެދުނު ޝައުގުވެރިކަމަކުންނެވެ. މި ޕޭޖަށް އެއް އަހަރުވެފައިވާއިރު، ޕްރީލަވްޑް އިން ހިތްވަރު ލިބި މި މަސައްކަތް ފެށި ޒުވާނުން ގިނަ އެވެ.

އާންމުންގެ މެދުގައި އެންމެ ގިނައިން ތްރިފްޓް ކުރެވޭ ބާވަތްތަކުގެ ތެރޭގައި، އެންމެ ތުއްތުކުދިންގެ ހެދުމާއި އަދި އެކްސެސަރީޒްއާއި އަންހެނުންގެ ހެދުމާއި ފައިވާނާއި ފަރުނީޗަރުތައް ވެސް ހިމެނެ އެވެ. އަދި ގިނައިން މީހުންގެ ތެރޭގައި މަގުބޫލުވަނީވެސް އެކި ބްރޭންޑްތަކުގެ ކޮލިޓީ ސާމާނު ހެޔޮ އަގުތަކުގައި ވިއްކާ ޕޭޖުތައްކަންވެސް ފާހަގަކުރެވެ އެވެ.

ޕްރީލަވްޑް މޯލްޑިވްސް އަކީ ބޮޑެތި މީހުންގެ ހެދުމާއި އަދި ބައެއް ގަަހަނާތައް ވިއްކަން ހުންނަ ޕޭޖެކެވެ. މި ޕޭޖުން ބުނާގޮތުގައި މިފަހުން އެންމެ މަގުބޫލުވެފައި ވަނީ ބްރޭންޑެޑް ޓޮޕްތަކާއި ހެދުންތަކެވެ.

އާއިލާގެ އެކިމެންބަރުންގެ ހެދުންތައް ހެޔޮ އަގުތަކެއްގައި ތްރިފްޓްކުރަމުން އަންނަ އެހެން ޕޭޖަކުން ބުނިގޮތުގައި އެންމެ ޑިމާންޑް ބޮޑީ ކުޑަކުދިންގެ ހެދުންތަކަށެވެ. އަދި މާބަނޑުއިރުގެ ހެދުންތަކާއި، ވިހައިގެން ލައި ހެދުންތައް ވަރަށް އަވަހަށް ވިކި ހުސްވިއެވެ. އަދި އެކި ރަށްތަކުގައި އުޅޭ ފަރާތްތަކުންވެސް މި ތްރިފްޓް ވިޔަފާރިއަށް ބޮޑު ތަރުހީބެއް ދޭކަމަށް މި ޕޭޖުން ބުންޏެވެ.

އަމިއްލަ ޕޭޖުގައި ތްރިފްޓް އައިޓަމްތަކެއް ވިއްކި ޒުވާނެއް ބުނާ ގޮތުން މި މަސައްކަތް އޭނާ ފެށީ ކޮވިޑްގެ ހާލަތުގައި ލިބޭ މުސާރަ ބޮޑުތަނުން ކުޑަވުމާއެކު އާމްދަނީއެއް ހޯދުމުގެ މަގްސަދުގަ އެވެ. އަދި އަތުގައި ހުރި ރަނގަޅު ކޮލިޓީގައި ހުރި ގިނަ ސާމާނުތަކެއް ވިކި ހުސްވިއިރު، އާމްދާނީ އެއް ލިބި ގާތް ރަހުމަތްތެރިންތަކެއް ވެސް އުފެއްދިއްޖެ އެވެ.

ދެ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖެއް ހުންނަ 33 އަހަރުގެ އަހަރުގެ މަންމައެއް ބުނާގޮތުން ކޮވިޑްގެ ފަހުން ދަރިންނަށް ބޭނުންވާ އަންނައުނު ގަތުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން މިފަހުން ދަރިންނަށް ބޭނުންވި ހުރިހާ އެއްޗެއްވެސް ގަތީ އޮންލައިންކޮށް ތްރިފްޓް ފިހާރަތަކުންނެވެ.

"ކުދިންތައް ބޮޑެތިވާލެއް ވަރަށް އަވަސް، ނޯމަލް ފިހާރައަކުން ވެއްޖިއްޔާ ޖީންސްއެއް ކަހަލަ އެއްޗެއް އެކަނި ލިބޭނީވެސް 300 އެއްހާ ރުފިޔާއަށް. އެކަމަކު ދެތިން ފަހަރު ލާފައި ވަރަށް އާކޮށް ހުންނަ އެއްޗެހި އެބަލިބޭ އެންމެ 100 ރުފިޔާ އަށް. މިކަހަލަ ދަނޑިވަޅެއްގައި އަސްލު ވަރަށް ބޭނުންތެރި ކަމެއް މިއީ" އޭނާ ބުންޏެވެ.

އޮންލައިންކޮށް މި މަސައްކަތަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު، މިހާރު މިވަނީ މާލޭގައި ފުރަތަމަ ފަހަރަށް ސެކަންޑް ހޭންޑް ކްލޯތިންއަށް ހާޢްސަކޮށް ފިހާރައެއް ވެސް ހުޅުވައިފަ އެވެ.

ރީސޭލްވޭވްގެ މަސައްކަތްފެށި ޒުވާނާ ބުނިގޮތުގައި މި މަސައްކަތް ފެށުނީ އޭނާގެ އަލަމާރީގައި ފުނިޖެހިފައި ހުރި ހެދުންތައް ބޭރުކޮށް އޭނާގެ ފޮލޯވަރުންނަށް ވިއްކި ހިސާބުންނެވެ. ލިބުނު ތަރުހީބު ބޮޑުކަމުން، ގޭގައި ހުރި ޖާގައެއްގައި ލިބުނު ޑޮނޭޝަންތަކާއި އެކު ފިހާރައެއް ހުޅުވީ އެވެ.

"އަސްލު ބޭނުންވީ މިކަން ނޯމަލައިޒްކޮށް، ހެޔޮ އަގުތަކެއްގައި މީހުންނަށް މި ހެދުންތައް ފޯރުކޮށްދިނުން. ކުދިކުދި ޑެމޭޖަސް ވެފައި ހުރިއްޔާވެސް ވެސް ބުނަން. ނޫނީ ހިލޭވެސް ދެން އެކަހަލަ ބައެއް ހެދުން. ވަރަށް އުފާވޭ ލިބުނު ތަރުހީބަށް، އެންމެ ގިނައިން ހެދުން ގަންނަނީ ހަމަ ޒުވާން އަންހެން ކުދިން،" ރީސޭލްވޭވްގެ ފަރާތުން ބުންޏެވެ.

ފެޝަން ޑިޒައިންނިންގެ ދާއިރާއިން ކިޔެވުމަށް ފަހު މި ދާއިރާގައި މިވަގުތު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ނޫރާ ރަޝީދު ވިދާޅުވަނީ ތްރިފްޓް ކުރުމުގެ މި ވިސްނުމަކީ އެކިގޮތްގޮތުން ބަލާއިރު ދިވެހިންގެ ތެރެއަށް ތައާރަފްވި ވަރަށް އެދެވޭ ކަމެއް ކަމަށެވެ.

"ތްރިފްޓްކުރުމުގެ މަގްސަދަކީ އަސްލު އުކާލާ ހެދުންތައް މަދުކޮށް، ތިމާވެއްޓާއި ދޭތެރޭ ވެސް ވިސްނުން. އަސްލު ވަރަށް ރަނގަޅުކަމެއް އެއްފަހަރު ލާފައި އޮންނަ ހެދުން އެހެން މީހަކަށް ދޭން ނުކުރެފިފައި ތިބި އެތަށް ބަޔަކު މިއަދު އެ ހެދުންތައް އޭގެ ބޭނުންޖެހިފައި ތިބި އެހެން މީހުންނަށް ހެޔޮ އަގެއްގައި މި ދެނީ،" ނޫރާ ބުންޏެވެ. އެހެންނަމަވެސް މިފަދައިން ހެދުންތައް ވިއްކާ އަދި ގަތުމުގައި ވެސް ވިސްނާލަންޖެހޭ ދެތިންކަމެއް ނޫރާ ފާހަގަކުރި އެވެ.

މިގޮތުން ވިއްކާ ހެދުންތަކަކީ ހަގީގަތުގައި ވެސް ދެވަނަ ފަހަރަށް މީހަކަށް ބޭނުންކުރެވޭނެ އެއްޗެއްތޯ ޔަގީންކުރުމަށް ނޫރާ އެދުނެވެ.

"ހެދުމެއް ވިއްކާއިރު ނޫނީ ޑޮނޭޓްކުރާއިރު، ބާވެފައި އޮންނަ އެއްޗެހި ނުވިއްކުމަށާއި، ފައްޗެއް މޮހިފައި ހުއްޓަސް، ފަތި ޖަހާލާފައި ވިއްކުމަށް ސަމާލުކަން ދެވިދާނެ،" ނޫރާ ބުންޏެވެ.

ހަމައެޔާއެކު އަގުހެޔޮކޮށް ހެދުން ލިބެން ހުއްޓަސް، އެއްވެސް ފަރުވާލެއް ނެތި ލިބޭހާ ލާރިއެއް ހެދުންގަތުމަށް ހޭދަ ނުކުރުމަށް އޭނާ ނަސޭހަތްދިނެވެ. ހަމައެޔާއެކު ގަންނަ ކޮންމެ ހެދުމެއް ވެސް ރަނގަޅަށް ދޮވެފައި މެނުވީ ބޭނުން ނުކުރުމަށް ވެސް ސަމާލުކަންދިނުމަށް ނޫރާ އެދުނެވެ.

ނޫރާއަކީ ވެސް ތްރިފްޓިންއަށް ލޯބިކުރާ މީހަކަށްވާއިރު އޭނާ ބުނާގޮތުގައި އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ގިނަ ދުވަހަށް އެއް ހެދުންތަކެއް ގެންގުޅެވޭތޯ އެވެ. އެހެންކަމުން ގަތުމުގެ ކުރިން ކޮލިޓީ ޔަގީންކޮށްލުމަކީ އޭނާއަށް ހަމަ މަސްޓް އެކެވެ.

"ތްރިފްޓިންއިން މި ހަނދާންކޮށްދެނީ ކޮންމެހެން ރީތި ސްޓައިލްއަކަށް ހެދުން އެޅުމަށްޓަކައި ނުޖެހޭކަން ކޮންމެހެން ފާސްޓް ފެޝަން ނޫނީ އަގުބޮޑެތި ބްރޭންޑްތައް ނޫނީ ކުޑަ ދުވަސްކޮޅަކަށް ބޭނުންކޮށްލެވޭ ކަހަލަ ހެދުމެއް ގަންނަން." ނޫރާ އިތުރަށް ބުންޏެވެ.

ކޮންމެއަކަސް، ތްރިފްޓިންއަށް ކިޔާފައިމިވަނީ ހޫނު މަރުހަބާއެކެވެ. ބަލިމަޑުކަމެއްގެ ތެރެއިން ވެސް ދިވެހިން ހެއްވާލަމިދިނީ ނިކަން ރަނގަޅު އާދައެއްތާ އެވެ.

comment ކޮމެންޓް