100 ދަނޑުގެ ވައުދު ފަސް އަހަރު ތެރޭ ފުއްދޭނެ: މަހުލޫފް

ނ. ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑު ---

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ 100 ފުޓުބޯޅަ ދަނޑު އެޅުމުގެ ވައުދު މި ފަސް އަހަރުތެރޭގައި ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދެއްވައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު 100 ބޮޑު ފުޓްބޯޅަ ދަނޑު އެޅުމުގެ ބޮޑު ވައުދު ފުރިހަމަ ކުރަން ބާކީ ތިން އަހަރެއްހާ ދުވަސް އޮތް އިރު، ކޮވިޑްގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ދަތިކަމާ އެކު ކުރިން ކުރަމުން ދިޔަ މަސައްކަތްތަކަށާއި، ބަޖެޓުގައި ހިމަނާފައި ހުރި ބައެއް ކަންކަމަށް ވެސް ބޮޑު މަޑުޖެހުމެއް ވަނީ އައިސްފަ އެވެ. އެހެން ނަމަވެސް ބާކީ އޮތް ތިން އަހަރުގެ ތެރޭގައި ދެވަނަ ޕްލޭނަކަށް ގޮސްގެން ވިޔަސް މި ވައުދު ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިތުރު ނުވަ ރަށެއްގެ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ކުޅިވަރާ ބެހޭ ވުޒާރާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، މިހާތަނަށް އެއްކޮށް ނިންމާލެވިފައި ވަނީ ފަސް ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކަމަށެވެ. ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ އަދި ނ. ހޮޅުދޫގެ ދަނޑުގެ މަސައްކަތް މުޅިން ނިންމާލާފައިވާ އިރު، ކުރިއަށް އޮތް ތިން އަހަރަކީ ގިނަ ރަށްތަކެއްގައި ދަނޑުތަކުގެ މަސައްކަތް ފެށި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ތިން އަހަރުކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ދައުލަތަށް ދިމާވި މާލީ ދަތިކަމާ އެކު ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓުގައި ހިމެނުނު ބައެއް ދަނޑުތަކުގެ މަސައްކަތް މަޑު ޖައްސާލުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން އެފްއޭއެމްއާ އެކު މިހާރު މަޝްވަރާ ކުރެވިފައިވާ އިތުރު 20 ދަނޑެއްގެ މަސައްކަތް ވެސް ކައިރި މުސްތަގުބަލެއްގައި ދެފަރާތުގެ އެއްބަސްވުމަކަށް އައިސް ފަށައިގަނެވޭނެ ކަމަށާއި، ދެވަނަ ވިސްނުމަކަށް ގޮސް، ބަޖެޓުގައި ހިމަނައިގެން ވިޔަސް 100 ދަނޑުގެ ވައުދު ފުރިހަމަ ކުރައްވާނެ ކަމަށެވެ.

އަދި އެހެންމެ މިހާރު ނިމިފައިވާ ދަނޑުތަކުގައި ވެސް ލައިޓިންގް ސިސްޓަމްތަކާއި، ރެސްޓްރޫމްއެއް ހެދުމަށް ވެސް ކުރިއަށް އޮތްތާގައި މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދިއުމަށް ކޮށްފައިވާ ޕްލޭނަށް ލިބޭނެ ކުރިއެރުމެކެވެ. އަދި މި ދަނޑުތަކުގައި ބައިނަލް އަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވިގެން ދިއުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް