ދައުލަތުން އެދެނީ ބަދަލު ނަގައިދޭ ވަރު އަހަރަކަށް ލިމިޓްކުރަން

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނާ ހިލާފަށް ދައުލަތުގެ ވަޒީފާތަކުން ވަކި ކުރާ މީހުންނަށް ބަދަލުގެ ގޮތުގައި އެއް އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަކީ ރަނގަޅުގޮތެއް ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ދައުލަތުން އެގޮތަށް އެދިފައި ވަނީ 2013 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން އަލީ ވަހީދު ކިޔާ މީހަކު ވަކި ކުރި މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމުގަ އެވެ. އެ މީހާގެ ވަޒީފާ އަލުން ދީ ވަޒީފާއިން ކަނޑާލާފައި ހުރި މުއްދަތަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ކުރިން ބާތިލިކޮށްފަ އެވެ. އެހެންވެ، އަލީ ވަހީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ވަޒީފާއިން ވަކި ކުރަން ޖެހޭ ގޮތަށް ކަމަށް ދައުލަތަކުންވެސް ނުދެކެ އެވެ. ނަމަވެސް، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން އެދިފައި ވަނީ ބަދަލުގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތް އޭނާއަށް ދިނުމަކީ އިންސާފުވެރިގޮތެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

މި ބާވަތުގެ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ގޮތަކީ އެއް އަހަރު ދުވަހުގެ ބަދަލު ނަގައިދިނުން ކަމަށް ދައުލަތުން ބުންޏެވެ. އެއާޕޯޓްސް ކޮމެންޕެނީއިން ވަޒީފާއިން ވަކި ކުރި މައްސަލައެއްގައިވެސް ސުޕްރީމް ކޯޓުން އެހެން ނިންމާފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

އެއީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ދައުލަތުން އެދޭ އެދުމެއް ކަމަށް އަލީ ވަހީދުގެ ފަރާތުން ބުނެ އެވެ. އޭނާ ވަޒީފާއިން ވަކި ކުރި މުއްދަތުން ފެށިގެން ވަޒީފާ އަލުން އިއާދަ ކުރި މުއްދަތާ ހަމައަށް ނުދީ ހުރި މުސާރައާއި އިނާޔަތް ދޭން ޖެހޭ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

"ދައުލަތުން ކަމަކަށް އެދެންވާނީ ނުވަތަ ދައުލަތުން އާންމު ރައްޔިތަކަށް ލިބެންޖެހޭ ހައްގެއް ހިފަހައްޓަންވާނީ ކޮންމެވެސް އަސާސެއްގެ މައްޗަށް ބިނާކޮށް،" އަލީ ވަހީދުގެ ވަކީލު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ވަކީލު އަޑުއެހުމުގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް އެފަދަ ގޮތަކަށް ނިންމިދާނެ ކަމަށެވެ. ނަމަވެސް، އެއީ އެހެން މައްސަލަތަކެއް އުފެދިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން މީހެއްގެ ހައްގެއް ގެއްލިދާ ފަދަ ގޮތަކަށް ހުކުމް ކުރުމަކީ އެ މީހެއްގެ ހައްގެއް ހޯދަން ނާދިރު ކަމެއް ކަމަށް ވިދާޅުވި އެވެ.

ދައުލަތުން އެގޮތަށް އެދުމުން ބައެއް ވަކީލުން ވަނީ ކަންބޮޑުުުން ފާޅުކުރައްވައިފަ އެވެ. ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، ދައުލަތުން އެގޮތަށް އެދިފައި ވަނީ އެއްވެސް ގާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ކަމަށެވެ.

ސެޓަލްމެންޓް ކޮމެޓީއިން މިލިއަނުން ބަދަލުދޭން ނިންމާއިރު، މިފަދަ މައްސަލަތަކުގައި ތަފާތު ކުރަން ބޭނުންވަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް މިކަމާ ގުޅޭ ގޮތުން ވިދާޅުވީ މި ސަރުކާރުގެ ކުރީކޮޅު، ކުރިން ވަޒީފާއިން ވަކި ކުރި ގިނަ ބައެއްގެ ވަޒީފާގެ ބަދަލު ދީފައިވާ ކަމަށެވެ. އަދި ވައްކަމުގެ ތުހުމަތު ކުރެވިގެން ވަޒީފާއިން ވަކި ކުރި މީހަކަށްވެސް 2.8 މިލިއަން ރުފިޔާގެ ބަދަލު ދިންކަން ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް