ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަން އިޝްތިހާރު ކުރަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ރާއްޖޭގައި އޮތް އިންވެސްޓްމެންޓުގެ ފުރުސަތެއްގެ ގޮތުގައި އިހަވަންދިއްޕޮޅުގައި އިންވެސްޓުކުރާނެ ބަޔަކު ހޯދަން ވީޑިއޯ އެއް އާންމުކޮށްފައެވެ.
އެ ފުރުސަތާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުގެ ހަތަރެއްގައި އިއުލާނު ކުރާނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 50 މިނެޓުން ދެވޭ ސަރަހައްދުގައި، ހއ ހޯރަފުށިން ފުރައިގެން 10-15 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައިވާ އިހަވަންދިއްޕޮޅު މަޝްރޫއަކީ "އެކްސައިޓިން" އަދި ދިގު އިންތިޒާރެއް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށް ޓޫރިޒަމް އިން އާންމު ކުރި ވީޑިއޯގައި ފާހަގަ ކޮށްފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައެވެ. .އެ މަޝްރޫގައި ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އޮތީ ހިމަނައިފައެވެ.
ނަމަވެސް އެ ޕްރޮޖެކްޓު ކުރިއަށްގެންދާނެ އިންވެސްޓަރަކު ލިބިފައެއް ނުވެއެވެ.
މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ އިހަވަންދިއްޕޮޅަކީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްގީކުރަން އެންމެ ރަނގަޅު ސަރަހަައްދެއް ކަމަށް ވިދާޅުވެފައެވެ.