ޖަޕާނުން ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޕާނުން ދިން ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޖަޕާނުން ރާއްޖެއަށް ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީ އެވެ.

ޖަޕާނުން ރާއްޖެއަށް ދިން ލޯނު އެހީއަކީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސޯދީ ދަތިން އަރައިގަތުމަށް ކުރާ މަސައްކަތަށް ދިން އެހީއެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 0.01 ޕަސެންޓެވެ. ލޯނު ދައްކައި ނިންމުމަށް 15 އަހަރުގެ މުއްދަތެއް ދީފައިވާއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ދީފައިވެއެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޖަޕާނާއެކު 1976 ގައި ރާއްޖެއިން ހާރިޖީ ގުޅުން ގާއިމް ކުރިފަހުން ޖަޕާނުން ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ދެމުންދާ ކަމަށެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެންވެސް ޖަޕާނުން އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ޓެކްނިކަލް ދާއިރާތަކުންނާއި އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާއިންވެސް ޖަޕާނުން ދަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެމުން. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ސަސްޓެއިނެބްލް ފިޝަރީޒް އަދި މުވާސަލާތީ ދާއިރާ އިންވެސް ޖަޕާނުން ވަނީ ރާއްޖެއަށް އެކި ފަހަރުމަތިން އެހީފޯރުކޮށްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާއެކު ހުރިހާ ގައުމަކަށްވެސް އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.

"ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވާއިރު މި ބަލިމަޑުކަމާއެކު ޓޫރިޒަމް ދާއިރާ އަށް ވަނީ ބޮޑު އަސަރެއް ކޮށްފައި. ސަރުކާރަށް ލިބޭ އާމްދަނީ 51 ޕަސެންޓަށް ދަށްވާނެ ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސޯދު ހިފަހައްޓައި ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު 17 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށާއި ހަރަދު ކުރުމަށް އެޅި މި ފަޔަވަޅާއެކު މިހާލަތުގައި އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށެވެ.

ޖަޕާނުންދޭ އެހީއާއެކު ރާއްޖޭގައި ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ އަދި އިޖުތިމާއީ ގެއްލުންތައް ހައްލު ކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހާއްސަކޮށްް އިގްތިސޯދީ ހަރަކާތްތައް އަލުން ފެށުމަށް މިއީ އެހީއަކަށް ވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތްކޮށް މަސައްކަތްކުރާ ތަރައްގީގެ ބައިވެރިޔާ ކަމަށެެވެ. ލޯނާއި އެހީ އަދި ޓެކްނިކަލް އެހީ ޖަޕާނުން ފޯރުކޮށްދެމުންދާ ކަމަށާއި ހާއްސަކޮށް ކާރިސާތަކުގެ ހާލަތުގައި ރާއްޖެއަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީ ވިދާޅުވީ މިއީ ޖަޕާނުން ރާއްޖެއަށް ދިން ދެވަނަ ލޯނު އެހީ ކަމަށާއި ޖަޕާނުން ދޭ ލޯނު އެހީއާއެކު ޓެކްނިކަލް އެސިސްޓެންސް ވެސް އެ ގައުމުން ފޯރުކޮށްދޭ ކަމަށެވެ.

ރާއްޖެއިން ޓޫރިޒަމަށް ބަރޯސާވާއިރު މި ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ އަސަރުން އަރައިގަތުމަށް މި ލޯނުގެ ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް