ޗައިނާގެ މިޑް އޯޓަމް ފެސްޓިވަލްގައި އެމްބަސީން ދިވެހީނަށް މޫން ކޭކް ބަހަނީ

ޗައިނާގެ މިޑް އޯޓަމް ފެސްޓިވަލް ގައި ބޭނުންކުރާ މޫން ކޭކް

ޗައިނާއިން ކޮންމެ އަހަރަކު ފާހަގަކުރާ މިޑް އޯޓަމް ފެސްޓިވަލް ނުވަތަ މޫން ފެސްޓިވަލްއާ ގުޅިގެން ޗައިނާ އެމްބަސީއިން ދިވެހި އާއިލާތަކަށް އެ ފެސްޓިވަލުގެ ކެއުން ކަމަށްވާ މޫން ކޭކް ބަހަން ނިންމައިފި އެވެ.

މޫން ފެސްޓިވަލް އަކީ ޗައިނާއިން ކޮންމެ އަހަރެއްގައި ފާހަގަކުރާ ބޮޑު ފެސްޓިވަލް އެކެވެ. އެގޮތުން އެ ފެސްޓިވަލް އަކީ ޗައިނާގެ އާ އަހަރާ ޖެހިގެން އެންމެ ބޮޑަށް ފާހަގަކުރާ އެއް މުނާސަބާ އެވެ. އެ ފެސްޓިވަލްގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ އާއިލާއާ އެކުވެރިން އެއްވެ މޫން ކޭކް ހެދުމާއި އެ ކެއުމެވެ.

މޫން ކޭކް އަކީ ރެޑް ބީން ޕޭސްޓް ނުވަތަ ލޮޓަސް މޫ ޕޭސްޓް ބޭނުންކޮށްގެންގެ ފިލިން ހަދާފައި ހުންނަ ޕޭސްޓްރީއެކެވެ. އަދި އޭގެއިތުރުން ލޮނުލީ ބިހެއްވެސް އެ ކޭކްގެ ތެރޭގައި ބާއްވަ އެވެ.

އެ ފެސްޓިވަލްގެ މުނާސަބަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ މާދަމާ ފާހަގަކުރާ މިޑް އޯޓަމް ފެސްޓިވަލް އާ ގުޅިގެން އެމްބަސީއިން ދިވެހީންނަށް މޫން ކޭކް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 50 އާއިލާއަކަށް މޫން ކޭކް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެސްޓިވަލްގައި މޫން ކޭކް ކެއުމުގެ އިތުން ލެންޓާން ރޯކުރުން ފަދަ ކަންތައް ކުރާނެ. މިއީ މީގެ 1،000 އަހަރު ކުރީން ގައުމީގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިޑް އޯޓަމް ފެސްޓިވަލް އެހެން އަހަރު ތަކަށްވުރެ ހާއްސަ ވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިޑް އޯޓަމް ފެސްޓިވަލް ދިމާ ވަނީ ޗައިނާގެ ގައުމީ ދުވަހާ ކަމަށާއި ދެން އެގޮތަށް ދިމާވާނީ 2031 ވަނަ އަހަރުގައި ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ މޫން ކޭކް ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 2:00 އާއި ހަވީރު 4:00 އާ ދެމެދު އެމްބަސީ އަށް އައުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި 50 އާއިލާއަކަށް މޫން ކޭކް ދޭއިރު، އެ ހަދިޔާ ކުރާނީ ފުރަތަމަ ދިޔަ ބަޔަކަށެވެ. އަދި ކުރިން ރަޖިސްޓްރީ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް