ކްރިމިނަލް ކޯޓުން ބޭރުކޮށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަތް ދައުވާ އަލުން ބަލަން ހައިކޯޓުން އަމުރު ކުރުމުން އެ މައްސަލަތައް މިއަދު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި، އަދީބަށް މީގެ ކުރިން ކުރި 30އަށް ވުރެ ގިނަ ދައުވާ ކޯޓުން ނަގައި ފަހުން ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައު ވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އެއީ މި ސަރުކާރުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު ކުރި ދައުވާތަކެކެވެ.
އެ ހަތް ދައުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ އެ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ އެ މައްސަލަތައް ބޭރުކޮށްލެއްވި އެވެ.
މި އަހަރުގެ ޖުލައި 14ގައި ނިންމި އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި އެ މައްސަލައިގައި ހައިކޯޓުގައި ތިން އަޑުއެހުމެއް ބޭއްވި އެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން މި މަހުގެ 21 ވަނަ ދުވަހު އިއްވި ހުކުމުގައި ވަނީ އަދީބުގެ ހަތް މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އަމުރުކޮށްފަ އެވެ.
ހައިކޯޓުން އެގޮތަށް ނިންމާފައިވާއިރު، މިއަދު އަދީބުގެ ހަތް ދައުވާ ވަނީ އަލުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފަ އެވެ. އެ ދައުވާތަކުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:00 އަށެވެ. އެ މައްސަލަތައް ދެން ބައްލަވާނީ ގާޒީ ހަސަން ސައީދެވެ.
އަދީބުގެ ހަތް ދައުވާ ބޭރުކޮށްލުމުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކުރިން އެ މައްސަލަތައް ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މީގެ ކުރިން ނިންމި އެވެ. ސަސްޕެންޝަންގެ މުއްދަތު ހަމަވެ މިހާރު އޭނާ އަލުން ވަޒީއަށް ނުކުންނަވަން ވަނީ ފައްޓަވައިފި އެވެ.