އަމީރަކީ އިސްލާހަށް ލޯބި ކުރެއްވި ވަރުގަދަ ލީޑަރެއް: ރައީސް

ރައީސް ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު އަވަހާރަވި ކުވޭތުގެ އަމިރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހަކީ އިސްލާހަށް ލޯބި ކުރެއްވި ވަރުގަދަ ލީޑަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ، އަމިރު އަވަހާރަވުމާ ގުޅިގެން ފޮނުއްވެވި ތައުޒިޔާގެ މެސެޖްގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަަމަށެވެ. އެގޮތުން ދުނިޔެއަށް ގެއްލިގެން އެދިޔައީ، އިސްލާހާއި ސުލްހަައަށް ލޯބި ކުރެއްވި ވަރުގަދަ ލީޑަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ހިތާމާގައި ބައިވެރިވެ، މިހާރު ވަލީއަހުދު ނަވާފް އަލް އަހުމަދު އަލް ޖާބިރު އަލް ސަބާހް އާއި ޝާހީ އާއިލާގެ އިތުރުން ކުވޭތުގެ ރައްޔިތުންނަށް ވެސް ތައުޒިޔާ ފޮނުއްވާފައެވެ.

އަމީރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް ރައީސް ސޯލިހް ވަނީ މާދަމާ އިން ފެށިގެން ދިވެހި ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކުރުމަށްވެސް ނިންމަވާފައެވެ.

ރައީސް ސޯލިހްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ކިޔާފައެވެ.

މިދިޔަ ޖުލައި މަސް ތެރޭ ޝެއިހް ސަބާހު އާލާސްކަންފުޅާ އުޅުއްވިކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެދުވަސްކޮޅު އެމަނިކުފާނު ވަނީ، އޮޕަރޭޝަނެއް ކުރެއްވުމަށް އެމެރިކާއަށް ވަޑައިގެންފައެވެ. ނަމަވެސް އެއީ ކޮންކަހަލަ އޮޕަރޭޝަނެއް ކަން ކުވޭތު ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޝެއިހް ސަބާހް ވެރިކަމަށް ވަޑައިގެންނެވީ ޖެނުއަރީ 29، 2006 ވަނަ އަހަރުއެވެ. އެމަނިކުފާނު ކުވޭތުގެ އަމީރުކަން ލިބިވަޑައިގެންނެވީ، އޭރު ހުންނެވި އަމީރު ސާދު އަލް-އަބްދުﷲ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ނުވަ ދުވަސް ތެރޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. ސާދު އަލް-އަބްދުﷲ މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންނީ، އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

comment ކޮމެންޓް